ޓެކްސީ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީ އިން ކަނޑައަޅާފައިވާ އަގުތަކާއި ޚިލާފަށް އަމިއްލަ އަގު ނަގާ މައްސަލައާއި، އެއާޕޯޓް އިން ދަތުރުތައް ކުރުމަށް ކާރުތައް ނުލިބޭ މައްސަލަ ބޮޑުވެ ރައްޔިތުންގެ ޝަކުވާ ކުރަމުންދާތީ މިކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ޖޯކު ޖަހައިފިއެވެ.
ޓިކްޓޮކްގައި އާންމު ފަރާތަކުން ދެންނެވުނު މައްސަލަތަކާއި ގުޅިގެން ޕޯސްޓްކޮށްފައިވާ ވީޑިއޯ އެއް ފޭސްބުކްގައި ޝެއަރ ކޮށް ޒިހާން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް އަނގަތަޅާލަން އައުމަށް ބުނެ ޕޯސްޓްކޮށްފައެވެ. ނަމަވެސް މި ޕޯސްޓް މިހާރު ވަނީ ޑިލީޓް ކޮށްލާފައެވެ.
ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި ހުރި ކަންބޮޑުވުންތައް ހައްލުކުރަން ތިބި ފަރާތްތަކުގެ އަމަލުތައް މިފަދަ ހާލަތެއްގައި ހުރުމުން، މި ފަރާތްތައް ހަވާލުވެގެން ތިބި މަގާމުތަކުގެ މަސްއޫލިއްޔަތު ތެދުވެރިކަމާއި ހަރުދަނާކަމާއި އެކުގައި ކުރާނެ ކަމާއިމެދު ޝައްކެވެ.
ކޮންމެ މިނިސްޓްރީ އެއްގައި އެތަނަކަށް ނުކަތާ ވަރަށް ޑެޕިއުޓީ މިނިސްޓަރުންނާއި ސިޔާސީ މަގާމުތައް އުފައްދަވަމުން ރައީސް ގެންދަވާއިރު، މި ފަރާތްތަކުގެ ހުރި ޤާބިލުކަމާއި ނަޒާހަތްތެރިކަމަށް ނުބައްލަވައި ސިޔާސީ މަންފާ ހާސިލުކުރުމަށް ކުރާ މި ކަމަކުގެ ސަބަބުން ގެއްލުންވަނީ ހަމަ ނިކަމެތި ރައްޔިތު މީހާއަށެވެ.
މީގެ ކުރިންވެސް ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ ޤައުމެއްގެ ވެރިމީހާއަށް ބަދުބަސް ބުނުމުގެ ސަބަބުން ސަސްޕެންޑްކޮށްފައެވެ.