އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް އައްޔަން ކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވެ އެ ވުޒާރާގައި އެ މުވައްޒަފުން މަސައްކަތްކުރާނެ މާހައުލެއް ނެތްކަން ހާމަވެއްޖެއެވެ.
މި ސަރުކާރަކީ ސިޔާސީ މުވައްޒަފުން އެންމެ މަދުކޮށް ސަރުކާރު ހިންގާނެ ކަމުގެ ވައުދާއެކު އައި ސަރުކާރެއް ނަމަވެސް މިހާރުވެސް މި ސަރުކާރުގެ ސިޔާސީ މުވައްމަފުންގެ އަދަދު 13000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ސިޔާސީ މުވައްޒަފުން ގިނަވެ މުއައްސަސާތަކުގައި އެ މުވައްޒަފުން މަސައްކަތްކުރާނެ މާހައުލެއް ނެތުމުގެ ޝަކުވާ މީގެ ކުރިންވެސް ބައެއް އިދާރާތަކުގެ ސިޔާސީ މުވައްޒަފުންކޮށްފައިވެއެވެ. އެންމެ ކުޑަ މިނުން އިށީންނާނެ ގޮނޑިއެއްވެސް ނެތްކަމުގެ ޝަކުވާ މީގެ ކުރިންވެސް ބައެއް މުވައްޒަފުން ކޮށްފައިވަނިކޮށް ޖެންޑަރ މިނިސްޓްރީގެ ހާލަތު އަދި މާގޯސްކަން ވަނީ ހާމަވެފައެވެ.
އެގޮތުން އެ ވުޒާރާގެ ސިޔާސީ އެކި މަގާމުތަކަށް 65 އަށް ވުރެ ގިނަ ބޭފުޅުން އައްޔަންކޮށްފައިވާއިރު އެހުރިހާ ބޭފުޅުންނަށް މަސައްކަތްކުރަން މާހައުލެއް ގާއިމުކޮށްދިނުމަށް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.
އެގޮތުން މަސައްކަތްކުރަން ތިބޭނެ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން އެއް ކޮޓަރިއަކަށް 5-6 ބޭފުޅުން ލާ އަށި މަތީ މަސް އަތުރާހެން އަތުރާފައިވާ ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވެއެވެ.
ކަނމިހެން އޮތްއިރު ޖެންޑަރ މިނިސްޓްރީއަކީ 100 އަށް ވުރެ ގިނަ ސިވިލް ސާވެންޓުންވެސް މަސައްކަތްކުރާ މިނިސްޓްރީއެއްކަން ފާހަގަކޮށްލެވެއެވެ
މި ސަރުކާރު ހިމެނިގެން ގޮސްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ސިޔާސީ މަގާމްތައް ދިން ސަރުކާރު ކަމުގައެވެ. އަދި ސިޔާސީ ގިނަ މަގާމްތަކަށް އައްޔަން ކޮށްފައިވަނީ ކަމަށް ގާބިލް ނޫން މީހުންކަންވެސް ފާހަގަ ކޮށްލެވެއެވެ.