ވެރިން ބުނާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ކަންތައްތައް ކުރާކަމުގައިވާނަމަ ހުރިހާ ކަމަކަށް ވެސް ސިޔާސީ ނުފޫޒު ފޯރާނެ ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
އަފީފް މިފަދައިން ވިދާޅުވެފައިވަނީ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އޭނާ ވިދާޅުވީ ފެހި ގާނޫން އަސާސީ އުފެއްދުމުގެ ބޭނުމަކީ މިނިވަން މުއައްސަސާތަކުގައި ތިބި ފަރާތްތައް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ފުރުސަތު ދިނުމައް ކަމަށެވެ.
އިތުރަށް އަފީފް ވިދާޅުވީ ސިޔާސީ ނުފޫޒު ވަންނަނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށާއި އެކަން އެންމެ ބޮޑަށް ހިނގަނީ މަޖިލީހުގައި ކަމަށެވެ.
މަޖިލީހަށް މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މަގާމްތަކުގައި ތިބޭ ބޭފުޅުން ވަކި ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށާއި މަޖިލީހުގެ މެމްބަރުން ވެސް މަސައްކަތް ކުރަން ޖެހޭނީ ޤައުމަށް އެންމެ ފައިދާވާނެ ގޮތުގެ މަތިން ކަމަށް ވެސް އަފީފް ވަނީ ވިދާޅުވެފައެވެ.
އަފީފް އިތުރަށް ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި ތިބޭ މުވައްޒަފުންނަކީ ވަކި ގާނޫނަކަށް ތަބާވާން ޖެހޭ ބައެއް ކަމަށެވެ. އަދި އެއީ ސިޔާސީ ކަންކަމަށް ބޭނުންކުރަން ޖެހޭ މަގާމްތަކެއް ނޫން ކަމަށް ވިސްނައިގެން ކުރިޔަށް ދާން ޖެހޭ ކަމަށެވެ.