އަންހެނުން ބާރުވެރިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ދޭންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒް މިފަދައިން ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
އެގޮތުން ނިޔާޒު ވިދާޅުވީ އަންހެނުންގެ ބައިވެރިވުން ބޮޑުކޮށް ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ.
މިފަދަ ނިންމުމަކީ އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ނިޔާޒް ވަނީ ސިފަކުރައްވާފައެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީން މީގެ ކުރިންވެސް އެކަން މަނާ ނުކުރާ ކަމަށާއި އިސީން އިންތިހާބު އިއުލާންކުރާއިރު ވަކި ގޮނޑިތަކުގައި އަންހެނުންނާއި ފިރިހެނުން ތިބެން ޖެހޭނެ ކަމަށް ޝަރުތު ނުކުރާ ކަމަށެވެ.
ނަަމަވެސް މި ބަދަލު ގެންނަން މިޖެހެނީ ކަންކަން ނިންމުމުގައި މި މުޖުތަމައުގެ ދެބައިކުޅަ އެއްބައި މީހުންގެ ވިސްނުން ބާކީވެގެންދާތީއާއި އެ ވިސްނުން ނުގެނެވޭތީ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަކުރުމުން ލިބެނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އެނގޭނީ އެފަދަ ފުރުސަތެއް ދީގެން ކަމަށާއި އެފަދަ ފުރުސަތެއް މިހާތަނަށް އައިއިރު ދެވިފައި ނެތްކަމަށް ވިދާޅުވެ ނިޔާޒު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.