މިއަދު ސަރުކާރުގެ އިސް ފަނޑީގައި ތިއްބަވާ ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީންގެ މައްޗައް ކުރީ ސަރުކާރުން ކުރި ހަރާން ހުކުމް ހަލާލުވީތޯ ވިދާޅުވެ އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ސުވާލު އުފައްދާފިއެވެ.
މިފަދައިން ސުވާލު އުފައްދާފައިވަނީ އެކްސްގައި ޑރ.ޖަމީލް ކުރި ޕޯސްޓެއްގައެވެ.
އެގޮތުން ޑރ.ޖަމީލް ވިދާޅުވީ ކުރީ ސަރުކާރުން ރައީސް ޔާމީންގެ މައްޗައް އުފުލި ދައުވާތަކަކީ ހަރާން ދައުވާތަކެއް ކަމަށާއި އެމަނިކުފާނާ ދެކޮޅަށް ހެކި ބަސް ދެއްވީ ދެ ޚާއިނުންކަމަށެވެ.
ޑރ.ޖަމީލް ޚާއިނުން އޭ ވިދާޅުވެފައިވަނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހްމަދު އަދީބް އަށާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ އަބްދުﷲ ޒިޔަތަށެވެ. މި ދެ ފަރާތަކީ ވެސް އެމްއެމްޕީއާރސީ ހިޔާނާތުގެ ދެ މޭސްތިރިންނެވެ. އެހެންކަމުން ގާނޫނުގައި ވާގޮތުން ދެ ކުށްވެރިންގެ ހެކި ބަހެއް ބަލައެއް ނުގަނެވޭނެއެވެ. ނަމަވެސް އެ ބޭފުޅުން ދެއްވި ހެކި ބަސް ގަބޫލު ކޮށް ރައީސް ޔާމީންގެ މައްޗައް ހުކުމް ކުރުމުން މިހާރު ސަރުކާރުގެ އިސް ފަނޑީގައި ތިއްބެވި ފަރާތްތަކުން ކުރީގައި ބުނަމުންދިޔަައީ އެއީ ހަރާން ހުކުމެއްކަމަށެވެ.
މިއަދު ވެރިކަމަށް އާދެވުމުން ރައީސް ޔާމީނަށް އިންސާފު ހޯދައިދެއްވަން ވާހަކަ ނުދަައްކަނީ ކީއްވެގެންތޯވެސް ޑރ.ޖަމީލް ވަނީ ޕޯސްޓްގައި ސުވާލު ކުރައްވާފައެވެ.
ކުރިޔަށް އޮތީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުކަމުން، ޖަވާބު މަޖްލިސް އިންތިޚާބުގެ ކުރިން ރައްޔިތުން ބޭނުންވާ ކަމަށާއި މިއީ ސަމާސާއެއް ނޫންކަމަށްވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.
ކުރީ ސަރުކާރެކޭ އެއްފަދައިން މި ސަރުކާރުންވެސް ރައްޔިތުންނަށް އޮޅުވައި ނުލުމަށްވެސް ޑރ.ޖަމީލް ވަނީ އިލްތިމާސްކޮށްފައެވެ.