ދިވެހިރާއްޖޭގެ ތިން ޑެޕިޔުޓީ މިނިސްޓަރެއްގެ ސަބަބުން އިންޑިޔާގެ ފުރައްސާރަ އާއި މަލާމާތް ދިވެހިރާއްޖެ އަށް އަމާޒުވަމުން ދިޔަ ދުވަސްވަރު، ހަނދާނުން ނުފިލާ ވަރުގެ ބަސްކޮޅެއް ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރު ވިދާޅުވިއެވެ.
"ވީ މައިޓް ބީ ސްމޯލް ބަޓް ދެޓް ޑަޒެންޓް ގިވް ޔޫ ދި ލައިސެންސް ޓު ބުލީ އަޒް" އެމަނިކުފާނު ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެވުމަށްފަހު ރާއްޖެ ވަޑައިގެން އެއާޕޯޓްގައި ވާހަކަދައްކަވަމުން ވަނީ މި ބަސްކޮޅު އަޑު ހަރުކޮށް ވިދާޅުވެފައެވެ.
އިންޑިޔާގެ ފައިބުޑަށް ވެއްޓޭކަަށް ދިވެހިރާއްޖެ ނުޖެހޭނެކަމަށާއި އިންޑިޔާ އާއި ނުލައި ވެސް ދިވެހިރާއްޖެއަށް އުޅެވޭނެ ފަދަ މޭރަމަކުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދްރާ މޯދީ އަށް ސޯޝަލް މީޑިޔާގައި ފުރައްސާރަ ކުރި ތިން ނައިބު ވަޒީރުންގެ ސްޓޭންޑަކީ ދިވެހި ސަރުކާރުގެ ސްޓޭންޑް ނޫންކަމަށް އޭރުގައި ވެސް ދިވެހި ސަރުކާރުން އައީ އިންޑިޔާ ސަރުކާރުގައި ބުނަމުންނެވެ.
އެހެން ނަމަވެސް އެ ތިން ނައިބު ވަޒީރު އަދިވެސް ތިއްބެވީ އެމީހުންގެ މަގާމްތަކުގައެވެ. މުސާރަ އާއި އިނާތް ބަރާބަރަށް އެމީހުންނަށް ލިބެއެވެ، އިންޑިޔާގެ ކުރިމަތީ އެމީހުން ސަސްޕެންޑް ކުރި ނަމަވެސް ހަގީގަތުގައި ސަސްޕެންޑް ކުރިބާއޭ ހިތައް އަރައެވެ. ހުންނެވީ ސަސްޕެންޝަންގައެވެ. ނަމަވެސް ފެންނަނީ ސަރުކާރުގެ އިވެންޓް ތަކުންނެވެ.
އިންޑިޔާއަށް އެމީހުން ބަސްބުނެގެން ހަގީގަތުގައި ސަރުކާރުން ފިޔަވަޅެއް ނާޅައެވެ. އިންޑިޔާ ރުއްސުމަށްޓަކައި ފިޔަވަޅު އެޅިކަމުގެ ދަޅައެއް ދައްކާލީއެވެ.
ދެން ކުޑަކަކޫ ޖެހިގޮތައް ބަލާލަމާ:
ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ވަނީ ގަނެފައެވެ. އެއީ ފަހަރަކު 50 މިލިއަން ޑޮލަރުގެ މަގުން ގަތް ބޮންޑުތަކެކެވެ.
މި ބޮންޑުތައް ކުރީ ސަރުކާރުގައި ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުން އައީ އިންޑިއާ ސަރުކާރުން އިންޓްރެސްޓް ދައްކާ ގޮތަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ނިމުނު ޖެނުއަރީގައި އެގޮތަށް އަމަލު ނުކޮށް މީގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ.
ބާކީ ހުރި 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިންޑިއާ ސަރުކާރުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ސަލާން ޖަހާ އުސޫލުން އެދިފައެވެ.
ލަދުން ބޯހަލާކެވެ، އިންޑިޔާ ކުރިމަތީ ކުޑަ ކަކޫ ޖަހަން ހަމަ ޖެހުނީތާއެވެ. އިންޑިޔާ ރުއްސައިގެން އެކަން ކުރި އިރު އެއްކަލަ ތިން ޑެޕިޔުޓީ މިނިސްޓަރުންގެ ސްޓޭންޑަކީ ސަރުކާރުގެ ސްޓޭންޑް ނޫން ކަމަށްވެސް އެތައް ފަހަރެއްގެ މަތިން ޒަމީރު ވަނީ އިންޑިޔާ ސަރުކާރުގައި ވިދާޅުވެފައެވެ.
އިންޑިޔާ އިން 50 މިލިއަން ޑޮލަރު ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމުމާއެކު ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓާރ ވަނީ އެކްސްގައި އިންޑިޔާ އަށް ސަނާ ދަންނަވާފައެވެ.
އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރަށް ދަންނަަވައިގެން އިންޑިއާ ސަރުކާރުން ފަހިކޮށްދިން ކަމެއް ކަމަށް ވިދާޅުވެ އިންޑިޔާ އާއެކީ އަބަދުވެސް ގާތް ގުޅުމެއް ބާއްވަން ބޭނުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރެއް އަޅުގަނޑަކަށް ގެޓެއް ނުވެއެވެ. ރާއްޖޭގެ ރައްޔިތުން ކުރިމަތީ އިންޑިޔާގެ ކުރިމަތީ އަދި އެހެން ގައުމެއްގެ ވެސް ކުރިމަތީ ކުޑަ ކަކޫ ނުޖަހާނަން ކަމަށް ވިދާޅުވެފައިވާއިރު މިއަދު ފެނިގެން މިދިޔައީ ކުރިން ބުނި އެތި ކެންސަލް ކޮށްފައި، އިންޑިޔާ ކުރިމަތީ ކުޑަ ކަކޫ ޖަހާ ދެ އަތް ދިއްކޮށް ސަލާން ޖެހި މަންޒަރެވެ.
ރައީސް މުއިއްޒުގެ ބަހާއި އަމަލާ ހުންނެވީ ދެ ދިމާލެއްގައެވެ. ގަދަ ބަސް ބުނެފައި ދެން މި ޖެހީ ކުޑަކަކޫތާއެވެ.