ރައީސް އަބްދުﷲ ޔާމީނަށް އިންޑިއާ ސިފައިން ނުބޭލުނު ކަމަށާ އެ ސިފައިން ރާއްޖެއިން ބޭލީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ބުނަމުންދާ ފަރާތްތަކުގެ ވާހަކައަށް ރާއްޖޭގެ ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ރައްދު ދެއްވައިފިއެވެ.
ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ރައީސް ޔާމީނަށް އިންޑިއާ އަސްކަރިއްޔާ ނުބޭލުނު ކަމަށް ބުނަމުންދާއިރު އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން އެންމެ ކުރިއަށް މަސައްކަތްކުރެއްވި ރައީސަކީ ރައީސް ޔާމީން ކަމަށާ ރައީސް މުއިއްޒަށް އަދި އެއާ ގާތަށްވެސް މަސައްކަތް ނުކުރެއްވޭ ކަމަށެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީން އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން ނެންގެވި ފިޔަވަޅުތަކަކީ އެއީ ކޮންމެ ކޮންމެ ރައީސަކަށް ނަންގަވަން ކެރިވަޑައިގަންނަވާނެ ފަދަ ފިޔަވަޅުތަކެއް ނޫން ކަމަށާ އެއީ ގިނަ ރައީސުން އަދިވެސް ތިއްބަވަނީ އިންޑިއާ ފައިބުޑަށް ވެއްޓިގެން ކަމަށް ވުމުން ކަމުގައިވެސް އުމަރު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ބޭލީ އިންޑިއާ ސިފައިންގެ ޔުނިފޯމު އެކަނި. ރައީސް ޔާމީން ރަސްމީކޮށް ލިޔުމުން މި ގައުމުން އެމީހުންނަށް ފޭބުމަށް އެންގި. ނުފޭބުމުން ވިސާ ކެންސަލްކޮށް އިތުރަށް ވިސާ ދޫކުރުން ހުއްޓުވި. އެމީހުން ތިބޭ ތަނުން ކަރަންޓު ކެޑި. ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮޕަރޭޓުކުރުުން ހުއްޓުވި. އެހެންވީމާ ބަޔަކު އެ ގޮވަނީ ކޮސް.
އުމަރު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒަށް އިންޑިއާ ސިފައިން ބޭލުމުުގައި މާބޮޑު ކާމިޔާބީއެއް ލިބުނުކަމަށް ބެލެެވެން ނެތް ކަމަށާ އެގޮތުން ރައީސް މުއިއްޒަށް އިންޑިއާ އަސްކަރިއްޔާ މިގައުމުން ބޭރުކުރެވުނުކަމަށް ގަބޫލުކުރެވޭނީ، އިންޑިއާގެ އަސްކަރީ އުޅަނދުތައް ވެސް މި ގައުމުން ފޮނުވާލެވުމުން ކަމަށް އުމަރު ވިދާޅުވިއެވެ.