ރާއްޖެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރި "އިންޑިއާ" ބޯޓެއްގެ ޖޫރިމަނާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މައާފުކޮށްދީފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކުންނެވެ.
އެގޮތުން އިންޑިއާގެ އުޅަނދެއް ކަމަށްވާ “ހޮލީ ސްޕިރިޓް” އިން ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ، އެ އުޅަނދުގެ އޮޕަރޭޓަރު އެންތަނީ ޖަޔަބަލަން ޖޫރިމަނާކޮށް، ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ދައުލަތަށް ލިބިދިނުމަށާއި އިންޑިއާގެ އުޅަނދު ދައުލަތަށް ނެގުމަށް އަންގައި އަމުރުކޮށްދިނުމަށް އެދި ފިޝަރީސް މިނިސްޓްރީން ހުށެހަޅުމުން ސިވިލް ކޯޓުން ވަނީ މައްސަލައެއް ބަލާފައެވެ.
އެ މައްސަލަ ބަލާ ނިންމުމަށް ފަހު ހުކުމް ކުރުމަށް ބޭއްވި މަޖިލީހުގައި މައްސަލަ ބެއްލެވި ގާޟީ، ރިޒްމީނާ އިދްރީސް ވަނީ، އެންތަނީ ޖަޔަބަލަންގެ މައްޗަށް ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސް އޮފީހުގެ 10 މާޗް 2024ގެ ސިޓީން މައާފު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ދައުލަތުން ހިފަހައްޓާފައި އޮތް އުޅަނދުވެސް 17 މާޗް 2024 ވަނަ ދުވަހު ރާއްޖެއިން ފުރުވާލާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.
އެހެންކަމުން އެ ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން ބޭނުން ކަމަށް ފިޝަރީޒް މިނިސްޓްރީން 7 މެއި 2024 ގައި ފޮނުވި ސިޓީއިން އަންގާފައިވާތީ، ފިޝަރީޒް މިނިސްޓްރީން ހުށަހެޅި މައްސަލައިގެ ދައުވާފޯމް ބާތިލް ކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެެވެ.
މިއީ ރާއްޖެއަށް ލިބެން ޖެހޭ ފައިސާއަކަށް ވާއިރު ސަރުކާރުގެ މި އަމަލުގެ ސަބަބުން ދެން މިފަދަ ގޮތްގޮތަށް ރާއްޖެ ސަރަހއްދުން މަސްވެރިކަން ކުރުމަކީ އާދައަކަށް ހަދާނެކަމުގެ ބިރު އޮތީ ހީވެފައެވެ.
ދިވެހި މަސްވެރިންނަށް ދޭޏް ފައިސާގެ ބެކް ލޮގެއްވެސް އޮތް އިރު، ދިވެހި ދައުލަތަށް ލިބެން ޖެހޭ މި އަދަދުގެ ފައިސާއެއް މައާފުކޮށްދީފައިވާ ސަބަބަކާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާ ތޭރަ އޮންލައިނުން ސުވާލުކުރުމުން ވަކި ޖަވާބެއް މިކަމުގައި ދެއްވާފައިނުވެއެވެ.