ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ވަގުތީ ގޮތުން ފޮސްޓަރކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މިހާރު ހުޅުވާލައިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ތަފާތު އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީ ގޮތުން ކުދިން ގެންނަ ނަމަވެސް، އެކި ސަބަބުތަކާއި ހުރެ އެކުދިންގެ އުފަން އާއިލާތަކަށް އަނބުރާ ނުފޮނުވި، މަރުކަޒު ކުރާއިރު، އެ ކުދިންނަށް އާއިލީ ލޯތްބާއި އަޅާލުން ހޯދައިދިނުމުގެ ގޮތުން އެ ކުއްޖާގެ އުފަން އާއިލާ ނޫން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޮސްޓަރކުރުމުގެ ނިޒާމު ޢާއިލާއާ ބެހޭ ވުޒާރާއިން ވަނީ ޤާއިމްކޮށްފައެވެ.
މިގޮތުން، މިހާރުވެސް ފޯސްޓަރ ނިޒާމުގެ ތެރެއިން ދާއިމީ ފޯސްޓަރރިންގެ ތެރެއިން ކުއްޖާގެ އުމުރުން 18 އަހަރު ހަމަވުމާއި ހަމައަށް ޤާނޫނީ ބެލެނިވެރިކަން ހަވާލުކުރެވެ އެވެ. އަދި ވަގުތީ ގޮތުން ފޮސްޓަރކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނޭކަން އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި 18 އަހަރުން ދަށުގެ 169 ކުދިން މަރުކަޒު ކުރެވިފައި އެބަތިއްބެވެ.
މި ކުދިން އަނބުރާ އާއިލާއަށް ފޮނުވުމަށް ނުވަތަ އާއިލީ ދިރިއުޅުމެއް އެކުދިންނަށް ހޯދައިދިނުމަށް މިނިސްޓްރީން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ވަގުތީ ގޮތުން ފޮސްޓަރކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވެސް އެ ބޭނުމަށްޓަކައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި ވަގުތީ ގޮތުން ފޮސްޓަރކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމެވެ. މިގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ 2 އަހަރުކަމަށް ވުޒާރާއިން އެކުލަވާލާ ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.
އެގޮތުން، ވަގުތީ ގޮތުން ފޮސްޓަރކުރާ މުއްދަތު ހަމަވާއިރު، އާއިލާގެ ހާލަތު ރަނގަޅުވެ ކުއްޖާ އަނބުރާ އާއިލާއަށް ނުގެންދެވޭ ހާލަތުގައި، ފޮސްޓާކުރާ މުއްދަތު ހަމަވިޔަސް މުއްދަތު އިތުރުކޮށް އެ ކުއްޖާ ބަލަހައްޓަމުން ދާ ފޯސްޓަރ ބެލެނިވެރިން ގާތުގައި ބެހެއްޓޭނެ މަގު ވަގުތީ ފޮސްޓަރިން ނިޒާމުގެ ތެރެއިން ހަމަޖެއްސޭނެކަމަށް އެ ވުޒާރާއިން ވަނީ ބަޔާންކޮށްފައެވެ.
ވަގުތީ ފޮސްޓަރިންގެ ތެރެއިން ގެންދާ ކުދިންގެ ދާއިމީ ޤާނޫނީ ބެލެނިވެރިކަމަށް އެދުމުގެ އިޚްތިޔާރު ވެސް ފޮސްޓަރ އާއިލާއަށް ލިބިގެންދާނެއެވެ.
ވަގުތީ ފޮސްޓަރިންނާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ނަންބަރު 1433 އާއި ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.