ރާއްޖެއަކީ ޒަމާނުއްސުރެވެސް އެކި ގައުމުތަކުގެ ހިލޭ އެހީއާ ބަޖެޓު ސަޕޯޓާ ވެސް އެކު ގައުމު ހިންގަމުން އައި ބައެކެވެ. އެގޮތުން ބޮޑެތި އަދަދުތަކުން އެކި ގައުމުތަކަށް ރާއްޖެ އޮންނަނީ ދަރާފައެވެ.
ރާއްޖޭގެ ޖީޑީޕީގެ 113 އިންސައްތައަށް ދަރަނި އަރާފައިވާ ކަމަށް މާލީ ހިސާބުތައް ދައްކާއިރު، އޭގެ ތެރެއިން ބޮޑު ބައެއް އޮތީ އިންޑިއާއާއި ޗައިނާއަށެވެ.
މީގެ ތެރެއިން އެ ދަރަނި ދަންތުރައިގެ ނާޖާއިޒު ފައިދާ އަބަދުވެސް ނަގަނީ އެންމެ އަވައްޓެރި ނަމުން ބޮޑު ބޭބެއިންނެވެ. އެގޮތުން ކޮންމެ ސަރުކާރެއް ބަދަލުވާއިރަށް އެމީހުން ބޭނުންވާ ކަންކަމުގެ ލިސްޓު ހުށަހަޅަނީ ދަރަނީގެ ބިރު ދައްކަމުންނެވެ.
އެމީހުންގެ ދަރަނީގެ ބިރުގައި ސަރުކާރުތަކުގެ ވެރިން ޖެހި ރާއްޖެ ގުރުބާންކޮށްފައި ހުރީ މަދުންވެސް ނޫނެވެ. އެގޮތުން ނިމިދިޔަ ސަރުކާރަކީ އޭގެ ނުހަނު ރަގަޅު މިސާލެކެވެ. މުޅި ގައުމު ވިއްކާ އިންޑިއާ އަތްދަށު ކޮށްލީ ދެން އަންނަ ބަޔަކަށް ގައުމުގައި ހިރި ނުލެވޭނެ މިންވަރަށެވެ. ދަރަނީ އަދާ ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާ ބޭރު ގައުމުތަކުގެ އެހީ ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ކަންވީ އެހެން ނޫނެވެ.
ގައުމުތަކުން ލިބެން ބުނި އެހީ ނުލިބި އިންޑިއާ ފަދަ ގައުމުތަކަށް ދައްކަން ހުރި ދަރަނި ދެއްކޭނެ ފަދަ އެއް ރައީސް މުއިއްޒަށް "އެރޭންޖު" ނުކުރެވުނެވެ.
"ވީ މައިޓު ބީ ސްމޯލް، ބަޓް ދެޓް ޑަޒަންޓް ގިވް ޔޫ ދި ލައިސަންސް ޓު ބުލީ އަސް،" އޭ ވިދާޅުވެ އިންޑިއާ ކުރިމަތީ ގަދަ ބަސް ބުނި ނަމަވެސް ހަކުރު ހަނޑޫ ފުށް ވެސް އެހެން ގައުމަކުން ހޯދަން ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ވަޒީރުންނާ ޑިޕްލޮމެޓުންނަށް ނޭނގުނެވެ. މެކުނު ފުމެގެން އެކަންކަން ކުރިޔަސް ގާހަކައަކަށް އެކަމެއް ނުވާނެތާއެވެ.
ކޮންމެ އަކަސް ރާއްޖޭގެ ދިގު ސަގާފަތާ ހިލާފަށް، ވެރިކަމާ ހަވާލުވުމަށް ފަހު، އަވައްޓެރި އިންޑިއާއަށް ވުރެ ކުރިން ޗައިނާއަށް ވަޑައިގެންނެވުމަށްފަހު އެނބުރި މާލެ ވަޑައިގެން ރައީސް ޑރ.މުއިއްޒު ނުސީދާ ގޮތެއްގައި އިންޒާރުތަކެއް އަމާޒުކުރެއްވީ އިންޑިއާއަށެވެ.
ރާއްޖެއަކީ އެއްވެސް ބައެއްގެ 'ބެކް ޔާޑް'ގައި އޮތް ގައުމެއް ނޫން ކަމަށް ވިދާޅުވެއެވެ.
ޒަމާނުއްސުރެ ފައްކާކޮށްފައި އޮތް އިންޑިއާއަށް ބަރޯސާވާ ނިޒާމަށް ނިމުމެއް ގެންނަވާނެކަން ނުސީދާ ގޮތެއްގައި އިއުލާނު ވެސް ކުރެއްވިއެވެ. ފަހަރުގައި އެއީ މައިކެއް ކައިރީގައި ހުންނަވައިގެން އެހެން ވިދާޅުވުމުން ހަމަޖެހޭނެ ކަންކަމަށް އެމަނިކުފާނަށް ހިފުޅުވެފައި އޮތީ ކަމަށް ވެދާނެއެވެ.
ހަޑޫ، ހަކުރު، ފުށް އެއީ ހަމައެކަނި އެންމެ ގައުމަކުން ގެންނަ އެއްޗެއް ގޮތުގައި ބާއްވައިގެން މިކަން ނުވާނެ ކަމަށާ އާސަންދައިން ބޭސްފަރުވާކުރަން މިހާރު ދާ ގައުމުތަކަށް ވުރެ މާ ފަރުވާގެ ގޮތުންނާއި އެ ނޫން ގޮތްގޮތުން ވެސް 'ކުރިއަރާފައިވާ' ގައުމުތަކަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަން ވެސް ރައީސް މުއިއްޒު އިއުލާނުކުރެއްވިއެވެ.
ދުނިޔޭގެ މީޑިއާއިން "ޕްރޯ ޗައިނާ" ރައީސްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް އެކަން ދޮގުކުރައްވައި ވިދާޅުވީ 'ޕްރޯ މޯލްޑިވްސް' ކަމަށެވެ.
މިހުރިހާ ބައިސާއެއް ކެނޑުއްވުމަށް ފަހު ނަމަވެސް ކަންވީ ކިހިނެއްތޯއެވެ؟
ކަންވީ ގޮތަކީ އިންޑިއާ އިން އަނެއްކާވެސް ފިއްތާލީއެވެ. ވެރިކަމުގައި ހުންނެވީ މާބޮޑު ތަޖުރިބާއެއް ނެތް ބޭފުޅެއްކަން އިންޑިއާއަށްވެސް އެނގެއެވެ. ބާލީސް އަޅާ ފިއްތާލާފައި ކުޑަކޮށް ނޭވާ ހާސްކޮށްލުމުން ދެން ހަނދާނެ ގޮތް ޑރ އެއް ކަމަކު ރައީސް މުއިއްޒަށް އެނގިވަޑައި ނުގަންނަވާނެ ކަން އިންޑިއާއަށް ވެސް އެނގެއެވެ. އެހެނީ އެއީ އިގްތިސޯދީ ފަރުވާ ބޭނުންވާ ކަމަކަށްވެފައި ކޮންކްރީޓު އެޅުވުމުން ޑޮކްޓަރޭޓު ފާހެއް އޮތަސް އިގްތިސޯދު ނޭނގެނެތީއެވެ.
ކޮންމެ އަކަސް މިއާއެކު ސަރުކާރު ނޭވާ ހޮޅިއަށް އެޅުނެވެ. ނިމިދިޔަ ސަރުކާރުން ނަގާފައި ހުރި 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުން މި ސަރުކާރުގެ ކުރީ ކޮޅު ދެއްކި 50 މިލިއަން ޑޮލަރުގެ ފަހުން އެންމެ ފައިސާ ފޮއްޗެއްވެސް އިންޑިއާއަށް ނުދެއްކި އޮތުމުން އެ ފައިސާ ހޯދަން އިންޑިއާއިން ސަރުކާރުގެ ވައި ނޮޅިއަށް ފިއްތަން ފެށުމުން އިގްތިސޯދީ ވަޒީރާ މާލީ ވަޒީރުގެ ނިއްކުރި މަތިން އޮއްދާ ހިއްލާ ދެން ހަނދާނެ ގޮތް ހުސްވެ ޚާރިޖީ ވަޒީރު ފޮނުއްވީ ސަލާމުގެ ޏާށީގަނޑުގެ ހިފައިގެންނެވެ.
އަސްތާ މިވީ ކިހިނަކުން ހެއްޔެވެ. ގަދަ ބަސް ބުނުމުން އެންމެ ފަހުން ކުޑަ ކަކޫ މައްޗަށް ތިރިކޮށް ސައިޒު ދައްކާލީތާއެވެ. ތަންދޮރު ނޭނގެންޏާ ވާނީ އެވަރެވެ.
ތިމަންނާ މެން ކިތަންމެ ކުޑަޔަސް ގައުމާ ނުބެހެވޭނެއޭ ބުނެ އަޑު ގަދަކުރީ އަޑު ގަދަ މީހާގެ ރުއް ގިނަ ވީ ޒަމާން ހިނގައްޖެކަން ހަނދާނުން ކައްސުވާލުމަށް ފަހުއެވެ.
އިންޑިއާއިން މަޑު މަޑުން ތިބެ މި ކުޅެލީ ހަކުޅި ކުރިއަށެވެ. ގޮނޑި ކޮއްކޮ ސަރުކާރެއްގެ ނިމުން ގެނެސް ޕްރޯ މޯލްޑިވްސް ސަރުކާރެއް އޮންނާނެ ކަމަށް ވިދާޅުވި ރައީސަށް މިވީ އަޅުގަޑު ހިތުން ފޫޅު ދިގު ހަންޑިއަށް ވީ ވަރެވެ.
ފޫޅު ދިގު ހަންޑިވެސް ހަސަންތަކުރު ގޭގައި ނުހުންނަ ރޭ ރޭ އައިމިނައިބީއަށް ވެސް ބިރު ދެއްކިއެވެ. ނަމަވެސް އެންމެ ފަހުން ހަސަން ތަކުރަށް މިކަން އެނގި ނިކަން ރަގަޅު ލޮނުމިރުސް ގަނޑެއް ފުނޑާ، ފޫޅު ދިގު ހަންޑީގެ ފޫޅު ބުރިކޮށް ލޮނުމިރުސް ގަނޑު ޖަހާ ދޫކޮށްލީމާ ދެން ދުވަހަކުވެސް އައިމިނައިބީއާ ދިމާކުރަން ނާދެތާއެވެ. ރައީސް މުއިއްޒަށާ އަރިސް ވަޒީރުންނަށާ ޑެޕިއުޓީއިންނަށާ އެމްޑީއިންނަށްވެސް މިވީ ހަމަ އެވަރުތާއެވެ.