ރާއްޖޭގެ މޫސުން ގޯސްވެފައިވަނިކޮށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތަށް ޑްރޯންތަކުގެ ބޭނުން ޖެހިފައިވާއިރު އޭގެ ހިލަމެއް އަދި ބޭނުމެއް ވެސް ކުރަން ސަރުކާރުން މަސައްކަތް ނުކުރާކަން ހާމަވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން AAA-37 ގެއްލިގެން ހޯދަން ފަށާފައިވާއިރު، މިއަދުވެސް ކަނޑާއި ވައިގެމަގުން 6240 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ. ނަމަވެސް ވައިގެ މަގުން ބޭނުންކުރަމުން ދަނީ މޯލްޑިވިއަންގެ ސީޕްލޭނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވެފައި ކަނޑާ ވައިގެ މަގުންވެސް އުޅަނދުތައް ބޭނުންކޮށްގެން ދުއްވުމަކީ ފަސޭހަ ކަމަކަށްނުވާނެއިރު 24 ގަޑިއިރު ރާއްޖޭގެ ކަނޑގެ ސަރަހައްދު މޮނިޓަރކޮށް ބެލެހެއްޓުމަށް ތުރުކީއިން ގެނައި ޑްރޯނުތަކުގެ ބޭނުން ނުހިފާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ޑްރޯންތައް ތައާރަފުކުރައްވަމުން އެރޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާމުހައްމަދު މުއިއްޒު ވިދާޅުވީ، ހާލުގައި ޖެހޭ މީހުން ހޯދަން ކުރިން ދިޔަ ގިނަ ވަގުތުތައް ނުދާނެ ކަމަށެވެ.
ނަމަވެސް ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ދޯނި އަދިވެސް ނުފެންނަ އިރު އެ މަސައްކަތުގައި ޑްރޯންގެ ބޭނުމެއް ނުކުރެއެވެ. އެކަމާ ގުޅިގެން ތަކުރާރުކޮށް އެމްއެންޑީއެފުގެ މީޑިއާއާ ސުވާލުކުރުމުންވެސް ޖަވާބު ދެއްވާފައިނުވެއެވެ.
ބައިރެކްތާރު ޓީބީ2 މޮޑެލްގެ ޑްރޯންތަކަކީ ކޮންމެ މޫސުމަކަށްވެސް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯންތަކަށްވާއިރު މޫސުން ގޯސްވެ އުޅަނދުތައް ދުއްވަން އުނދަގޫވެފައިވާ މި ދަނޑިވަޅުގައި ޑްރޯންތައް ވީ ތަނެއް ނޭނގިގެން އުޅެން ޖެހުމަކީ ކަންބޮޑުވުމެއް ގޮތުގައި ގިނަ ބަޔަކު ބުނެއެވެ. ޑްރޯންތައް ހުރިނަމަ ބޭނުންކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.
އެހެންކަމުން މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ޑްރޯންތައް އެބަހުރިބާއެވެ؟ ނުވަތަ އެއީ ވަކި ގައުމަކުން ގެނައި ޑްރޯންތަކަކަށްވުމުން އެހެން ގައުމެއްގެ ހުއްދަ އެކަމުގައި ބޭނުންވަނީތޯ މިއީވެސް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ކޮންމެ އަކަސް މޫސުން ގޯސްވެ އެންމެ ބޭނުން ޖެހުނު ގަޑީގައި ޑްރޯންތައް ގެއްލިއްޖެއެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްވެސް އިދާރާއަކުންވެސް ހިލަމެއް ނުވިއެވެ.