އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ މުސާރައިގެ 53 އިން ސައްތަ އެ މިނސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހޭދަވާކަން ހާމަވެއްޖެއެވެ.
އެގޮތުން އެކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެގްރިކަލްޗާ މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ހޯދަން އަމިއްލަ ފަރާތަކުން އެ މިނިސްޓްރީގައި އެދުމުން ލިޔުމުން ފޮނުވި ޖަވާބުންނެވެ.
ލިޔުމުން އެނގޭ ގޮތުގައި މިނިސްޓަރު ޑރ. އައިޝަތު ރަމީލާއަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 56،025 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެހެން މިނިސްޓަރުންނަށްވުރެ ދަށް މުސާރައެކެވެ.
މީގެ އިތުރުން ދެން ބާކީ ތިއްބެވި 28 ސިޔާސީ މުވއްޒަފުންގެ ތެރެއިން މުސާރައަށް މަހަކު ކުރާ ހޭދައިގެ ތެރޭގައި:
2 ސްޓޭޓް މިނިސްޓަރުންނަށް މަހަކު: 81،870 ރުފިޔާ
5 ޑެޕިއުޓީ މިނިސްޓަރުންނަށް މަހަކު: 151،200 ރުފިޔާ
14 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނަށް މަހަކު: 342،300 ރުފިޔާ
7 ޕޮލިޓިކަލް ޑިރެކްޓަރުންނަށް މަހަކު: 138،110 ރުފިޔާ ހިމެނެއެވެ.
އެހެންކަމުން އެ މިނިސްޓްރީގައި ތިއްބަވާ 29 ސިޔާސީ ބޭފުޅުންގެ މުސާރައަށް މަހަކު ޖުމުލަ 769،505 ރުފިޔާ ހަރަދުވެ އެވެ. އެއީ އެ މިނިސްޓްރީން މުސާރައަށް ކޮންމެ މަހަކު ހޭދަވާ 1،464،177 ރުފިޔާގެ 53 ޕަސެންޓެވެ.
ސިޔާސީ ގޮތުން މަތި ލުއި ޚަރަދު ކުޑަ ސަރުކާރެއް ގާއިމުކުރާނެ ކަމުގެ ވައުދާ އެކު ރައީސް މުއިއްޒު ސަރުކާރު އައި ނަމަވެސް މި ސަރުކާރުގައި މިހާތަނަށް 3 ހާހަށް ވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަމަށް ރައީސް އޮފީހުގެ ޗީފު ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމަށެވެ.