March 12, 2026
Advertisement
ރަބީއުވިލާގައި މަރުވެފައި އޮއްވާ ފެނުނު އައިމަންގެ ހަށިގަނޑު ނެރެން ފުލުހުން މަސައްކަތްކުރަނީ
ރަބީއުވިލާގައި މަރުވެފައި އޮއްވާ ފެނުނު އައިމަންގެ ހަށިގަނޑު ނެރެން ފުލުހުން މަސައްކަތްކުރަނީ / ޕޮލިސް

މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ މީހާ: ފުލުހުން

Mariyam Isaadha
މަރިޔަމް އިސާދާ
May 21, 2024, 06:03 PM
މާލެ ސިޓީ

މާލޭ ގެ އެއްގެ ތެރޭގައި މަރުވެފައި އޮއްވާ އަންގާރަ ދުވަހު ފެނުނީ، އޭގެ ތިން ދުވަސް ކުރިން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މީހެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

އެގޮތުން މ. ރަބީއު ވިލާ ކިޔާގޭގެ ގްރައުންޑް ފލޯގައި މަރުވެފައި އޮއްވާ ފެނުނީ މެއި 16 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 30 އަހަރުގެ އަހުމަދު އައިމަން، މއ. ބޯޅަކިންކިރިމާގެ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ މުއައްސަސާއަށް ލިބުނު ރިޕޯޓަކާ ގުޅިގެން އަންގާރަ ދުވަހުގެ މެންދުރު ފަހު މ. ރަބީއު ވިލާއަށް ގޮސް ބެލި ބެލުމުން އެ ހަށިގަނޑު ފެނުމުން ހަށިގަނޑު ދެނެގަނެ މިހާރު މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

ސަރަހައްދުގައި ދިރިއުޅެމުންދާ މީހުން ބުނެފައިވާ ގޮތުގައި އައިމަން އެ ފަޅު ގޭ ތެރޭގައި މަރުވެފައި އޮންނަތާ ދުވަސްތަކެއްވުން އެކަށީގެންވެއެވެ.

ރަބިއު ވިލާއަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ހާއްޔަކަށްވެފައިވަ ގެއެކެވެ. އެ ގޭގެ ވެރި ފަރާތުންވެސް މިކަން ދައުލަތުގެ އެކި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވައި ދިނުމަށް އެދިފައިވެއެވެ. އެގެއިން މީހުން ހުސްކޮށްފައިވަނީ އިމާރާތަކީ މީހުން ދިރިއުޅެން ރައްކާތެރި ތަނަކަށް ނުވާތީއެވެ. އިމާރާތަކީ ބާ އިމާރާތަކަށްވެފައި އިމާރާތުގެ ހާލަތު ދަށްވުމާ ގުޅިގެންނެވެ.

މީގެ ކުރިން ވަނީ ރަބީއު ވިލާގައި އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައެވެ.

މާފަންނު ގެއަކުން މަރުވެފައި އޮތް މީހަކު ފެނުނު އިރު މިދިޔަ ހަފްތާގެ ހޯމަ ދުވަހު މާލޭ ބަނޑޭރިކޮށީގެ ގެއަކުން 30 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ވެސް ވަނީ ފެނިފަ އެވެ. އޭނާގެ މަރުގެ ހަގީގަތް ބެލުމަށް އޮޓޮޕްސީ ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވެހިކަލެއް ތެރޭ ބިދޭސީއަކު މަރުވެފައި އޮއްވާ ވެސް މިދިޔަ ހަފްތާ ވަނީ ފެނިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved