ވެރިކަމަށް އައުމުގެ ކުރިން ކިޔަމުން ދިޔައީ އެވެނި މިވެނި ކަމެއް ކުރާނަމޭ، ވެރިކަމަށް އައުމަށްފަހު ފެނިގެން ދަނީ ބޭރުގެ ގައުމުތަކުގެ ކައިރިއަށް ސަލާމުގެ ނާށިގަނޑު ހިއްޕަވައިގެން ދުވާ މަންޒަރެވެ.
އިންޓަވިޔުތަކުގައި ދެކެވޭ ނުދެކެވޭ ވާހަކައެއް ރައީސް މުއިއްޒަށް ނޭނގެނީއެވެ. އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނަވާ ދުނިޔޭގެ މަޝްހޫރު ނޫހަކަށް ދެއްވި އިންޓަވިޔުގައި ދެއްކެވި ވާހަކަތަކަށް އަލި އަޅުވާލާނަމެވެ. ހައިރާންވެ އަންތަރީސްވާފަދަ ވާހަކަތަކެވެ. އެގޮތުން ކްލައިމެޓް ޗޭންޖަކީ ހަގީގަތެއް ނޫން ކަމަށް ވަރަށް ވެސް އަސަރާއެކު ވަނީ ވިދާޅުވެފައެވެ.
ކަނޑު އުފުލެމުންދާ ވާހަކައަކީ މީގެ 50 އަހަރު ކުރިންވެސް ދައްކާ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް ވިދާޅުވި ވެރިޔާގެ ރާގު މިއަދު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. މިވާހަކަ ސޯޝަލް މީޑިޔާ ފްލަޑް ކުރަމުންދާތީ ބަލާލީމެވެ. ކަމަކުދާކަށް ނެތެވެ. ރައީސް މުއިއްޒު ކުރިން ބުނި އެތި ކެންސަލްކޮށްފިއެވެ.
ދާދި ފަހުން "ދަ ގާޑިއަން" ގައި ރައީސް ޑރ. މުއިއްޒުގެ ލިޔުމުގައި ބައިނަލް އަގްވާމީ މުޖްތަމައަށް އެމަނިކުފާނު ވަނީ ކަނޑު އުފުލެމުންދާ ދިއުމާ ހަނގުރާމަ ކުރުމަށް ރާއްޖެއަށް ބޭނުންވާ އެހީ ފޯރުކޮށް ދިނުމަށް ސަލާން ޖަހާފައެވެ. މި ރޮނގުން ދެވޭ ރަނގަޅު ދީލަތި އެހީ ތަކުން ރާއްޖެ މަހްރޫމްވެފައިވާކަމަށް ވެސް ސަލާން ޖެހި އިރު ވިދާޅުވެފައިވެއެވެ.
ޖައްވަށް ބޭރުކުރާ ދުނިޔެ ހޫނު ކުރާ ގޭހުގެ ތެރެއިން ރާއްޖެއިން ހިއްސާވަނީ އެންމެ 0.003 އިން ސައްތަ ކަމަށްވިޔަސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް މިހާރު ރައީސް މުއިއްޒު އެބަ ވިދާޅުވެއެވެ. ޕޮއިންޓަކީ ރާއްޖެ ނެތިދަނީކަމަށް ވިދާޅުވެ ފައިސާ ހޯދުމެވެ. ފައިސާ ހޯދަނީ އެމަނިކުފާނު އައްޔަންކޮށްފައިވާ ބޭކާރު ސިޔާސީ މުވައްޒަފުންނަށް މުސާރަދޭންކަން ޔަގީނެވެ.
ރައީސް މުއިއްޒު ދި ގާޑިއަންގައި ޝާއިއު ކުރި ލިޔުން ކިޔުއްވާފައި ބޭރުގެ ގައުމުތަކުން ވެސް ރާއްޖެއަށް މިއަދު ޖޯކު ޖަހާނެއެވެ. "ޕީއެޗްޑީ" ހޯލްޑާރ އެއް ދިވެހިރާއްޖޭގެ ރައީސްކަމަށް ވަޑައިގަތުމުން ހުރިހާ ދިވެހީންވެސް ހީކުރީ ރާއްޖޭގެ ވެރިޔާ އަކީ ދެން ވަރަށް ސްމާޓް ވެރިއެއް ކަމަށެވެ. ނަމަވެސް މަންޒަރު ވަރަށް ވެސް ތަފާތެވެ. ސްމާޓްކަމެއް ފެންނަން ނެތެވެ. ސްމާޓީ އެމަނިކުފާނު ތުރުކުރައްވާފައިވާ ދައުލަތުގެ ފައިސާއިން ގަނެފައިވާ ކޯޓެވެ.
އާރޓިކަލްގައި އެހެން ގައުމުތަކުގެ އެހީއަށް ސަލާން ޖަހާފައިވާއިރު މިއީ އެމަނިކުފާނު ސަލާމުގެ ނާށިގަނޑު ހިއްޕަވައިގެން ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. ދާދިފަހުން، ހާރިޖީ ވަޒީރު އިންޑިޔާއަށް ފޮނުވައިގެން ލޯނު ދައްކަން އިތުރު މުއްދަތެއް ދޭންވެސް ވަނީ ސަލާން ޖަހާފައެވެ.
ވެރިކަމަށް 6 މަސް ވެގެންދިޔައިރު،އަދި ކުރެވުނު ކަމެއް ނެތެވެ. މުޅީންހެން ދުއްވާލަނީ ސަލާމުގެ ނާށިގަނޑު ހިއްޕަވައިގެން ސަލާން ޖެހުމުގައެވެ.