އިންޑިއާ އާ ރާއްޖެއަކީ ޒަމާންވީ އެކުވެރި ގުޅުމެއް ބާއްވަމުންދާ ދެ ގައުމު ކަމުގައިވީ ނަމަވެސް ދިވެހިންގެ މައްޗަށް ނުފޫޒުފޯރުވާ ދިވެހިންގެ ކަންކަމަށް އަތް ނުބޭނުމުން ބިރު ދެއްކުމުގެ އުސޫލު ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، އެހެންނޫންތޯއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯއަކާ އެކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޯޝަލް މީޑިއާގައި ބޮޑު ޒުވާބެއް އުފެދި، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމަށް އަސަރުކުރާ ވަރަށް އެކަން ހޫނުވިއެވެ.
އިންޑިއާ މީހުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓުކުރަން ގޮވާލި ހިސާބުން ފަޅާއިގެން ދިޔަ ހުޅުގަނޑުގެ ހޫނުމިން ދެ ގައުމުގެ ސަރުކާރުގެ އިސް ފަނޑިއަށް ވެސް ކުރިއެވެ. ރާއްޖޭގެ ރައްޔިތުން ދޫ ނުދީ ގައުމުގެ ދިފާއުގައި ބަސްބުނަން ފެށިއެވެ. އިންޑިއާގެ އިގްތިސޯދުގައި ދިވެހި ފަތުރުވެރިޔާ ނުވަތަ ސިއްހީ ފަތުރުވެރިންގެ ދައުރު ބޮޑުއިރު ދިވެހިން އެކަންކަން ހުއްޓުމަކަށް ގެނެސް ބޮއިކޮޓުކުރަން ފަށައިފިނަމަ އިންޑިއާގެ އިގްތިސޯދަށް ވާނެ ގޮތް ތަސައްވުރުކޮށްލަންވެސް އެއް ބަޔަކު ގޮވަމުން ދިޔައެވެ.
ކޮންމެ އަކަސް އިންޑިއާ-ރާއްޖޭ ޒަމާންވީ ނަމުން ބޮޑު ބޭބެ، ކަމުން ހިޔަޅުގެ ގުޅުމަށް ނުހަނު ބޮޑަށް އެރަރ އަރައިފިއެވެ. ދިވެހި ރާއްޖެ މުށު ތެރެއަށް ނިމި ދިޔަ ފަސް އަހަރު ނިމުނުއިރު ވެސް ނުލެވުމުން ދެން ފެށީ ދިވެހިން ބަނޑަށް ޖެއްސުމުގެ މަސައްކަތެވެ. ހިތުން ދިވެހި ފަތުރުވެރިކަން ބޮއިކޮޓުކުރަން ގޮވާލީ މޮޅުތަކެއް ވާނެއޭ ހިތާއެވެ. ނަމަވެސް މި ފަހަރު އިންޑިއާ ފޭހުނު އިލޮށޑި ގަނޑު ހެރުނީ އިންޑިއާގެ ލޮލަށެވެ.
ރާއްޖެ ބޮއިކޮޓުކުރަން އިންޑިއާ މީހުން ލައްވާ މީސް މީޑީޔާގައި އިންޑިއާ ސަރުކާރު އަޑީގައި އޮވެގެން ގޮއްވަމުން ދިޔަ ވަގުތަކީ ރާއްޖޭގެ ރައީސުލްޖުހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ޗައިބާއަށް ވަޑަައިގަންނަވަން އޮތް ދުވަސްވަރުކަމުން އާންމުކޮށް ކަންކަމަށް ރައްދު ނުދީ ހުންނަވާކަން ފާހަގވެފައިވާ ރައީސް، ޑރ. މުހައްމަދު ޚިޔާރު ކުރެއްވީ ހަނު ހުންނަވާ ދަތުރުފުޅު ނިންމާލެއްވުމަށެވެ.
އެއާއެކު ޗައިނާ ދަތުރުފުޅު ނިންމަވާ ލައްވާ ވަޑައިގެން ރައީސް މުއިއްޒު ވަނީ އިންޑިއާގެ ހުރިހާ ވާހަކަތަކަށް ނިކަން ބާރުހުރި ބަސްތަކުން ރައްދު ދެއްވާފައެވެ. އަދި އިންޑިއާ ނޫންގޮތެއް ދިވެހިންނަށް ހޯދިދާނެކަން ވެސް ހާމަކޮށް އިންޑިއާގެ އެހީތެރިކަމަކީ ރާއްޖޭގެ ސިޔާސަދތު ގުރުބާން ކުރަން ޖެހޭ ވެދުމެއް ނަމަ އެ ވެދުން ދިވެހިން ބޭނުންނޫންކަން ވަރަށް ސަރީޚަކޮށް ބަޔާންކުރައްވާފައެވެ.
ގައުމު ކުޑަ ނަމަވެސް ބޭނުންހާ އެއްޗެއް ނުހެދޭނެކަމުގެ އިންޒާރުވެސް ދެއްވިއެވެ.
ޒަމާނުއްސުރެ ރާއްޖޭގެ ވެރިކަންތަކަށް ބާރު ފޯރުވާ ރާއްޖޭގެ މިނިވަންކަން ޖަހައިގަންނަން އިންޑީއާއިން މަސައްކަތްކުރި އިރު އެކަން ދިވެހިންގެ މިންނެތް މަސައްކަތުން ވަނީ ހުއްޓުވާފައެވެ. ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ގައުމީ ބޮޑު ކެމްޕެއިން "އިންޑީއާ އައުޓު" އަކީ ރާއްޖެއަށް ބާރުވެރިކަން ފޯރުވަން އިންޑިއާ ޖެހި އެ ގައުމުގެ ސިފައިންގެ މަޅިން ސަލާމަތްވުމަށް ފެށި ހަރަކާތެކެވެ. ދިވެހިރާއްޖޭގެ ސިޔާދަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާކަމުގެ ރަނގަބީލު ޖައްސަވަމުން ރައީސް ޔާމީން އެންގެވީ އިންޑިއާ މިލިޓަރީ މިގައުމުން ބޭރުކުރުވުމަށެވެ.
އެހާ ހިސާބުން އެމަނިކުފާނުގެ ހިއްސާ އޮވެގެން އައި ސަރުކާރުން އެކަމަށް އަމަލީ ސިފަ ގެނައުމަށް މަސައްކަތް ފެށުމުން ދިވެހިންނަށް ބިރު ދައްކާ ހަނގާކޮށް ދިވެހިންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދެއްކުމަށް އިންޑިއާ ފެށި ވަރަށް ހުތުރު ޑްރާމާއެކެވެ. ހީކުރި ތޯއްޗެކެވެ. އަބަދު އިންޑިއާ ދަށުވެފައި ތިބޭނެއޭއެވެ.
ނަމަވެސް މިފަހަރު އިންޑިއާ އިން ދެއްކި ބިރަސް ނުސިހި ރައީސް ޔާމީންގެ ގައުމީ ފިކުރާއެކު ގެނައި ސަރުކާރުން ނިންމީ އިންޑިއާއަށް ބަރޯސާވުން ހުއްޓާލާ ކާޑުގެ ބާވަތްތަކާ އިމާރާތްކުރުމުގެ ބާވަތްތަކުގެ އިތުރުން ދިވެހިންގެ އާންމު ދިރިއުޅުމުގައި ބޭނުންވާނެ ތަކެތި އެހެން ގައުމުތަކުން ގެނައުމަށެވެ. ބޭސްފަރުވާއަށް އިންޑިއާއަށް އާސަންދައިގެ ދަށުން ފޮނުވުމުގެ ބަދަލުގައި ތައިލޭންޑަށް ޔޫއޭއީއަށް ދެވޭނެ މަގު ތަނަވަސްކުރުމަށެވެ.
މިއީ އިންޑިއާއަށް ރަގަޅު މެސެޖަކަށްވާނެ ޖެހެއެވެ. ތެދެކެވެ ގައުމު ކިތަންމެހާ ވެސް ކުޑައެވެ. ނަމަވެސް ގައުމުގެ ރައްޔިތުންގެ އަޒުމު ވަރަށް ބޮޑެވެ. އަަހރުމެން ވައުދުވި ފަދައިން އިންޑިއާ މިލިޓަރީ މިގައުމުން ފައްސާނަމެވެ. އޭގެ ބަދަލުގައި ކަޝްމީރުގެ މުސްލިމުންނަށް ބިރު ދައްކާހެން އަހަރުމެންނަށް ބިރު ދައްކަން ނުހަދާށެވެ. ރާމާ މަކުނަށްވީހެން އަމިއްލަ ނިގޫ ފިތުން ނޫން ކަމެއް ނުވާނެއެވެ.
ދިވެހި ރައީސުން ފުރަތަމަ އިންޑިއާއަށް ސްޓޭޓް ވިޒިޓެއް ކުރައްވަމުން ވަޑައިގެންނެވި ސަގާފަތް ދުކޮށްލައްވާ އިންޑިއާއާ ވާދަވެރި ޗައިނާއަށް ރައީސް މުއިއްޒު ވަޑައިގަތުމުން ބަސް ނާހާ ކުޑަ ކުއްޖެހެން ދެފައި ތަޅާ ގޭގައި ހުރި މުދާ ހަލާކުކުރިޔަސް އެކަން ބަދަލުނުވާނެއެވެ. ދެން ވެސް ބަސްއަހައިގެން މާރިޗު ފަނަރައިގެ ކުރިން އިންޑިއާ ސިފައިން ބާލާށެވެ. ނޫނީ މިހާރު ތި ލިބޭ އެތިކޮޅުވެސް އިންޑިއާގެ އިގްތިސޯދަށް ނުވަދެ ހުއްޓިދާނެއެވެ.