އައު މަޖިލީހުގެ މެމްބަރުން / މަޖިލިސް
ސިޔާސީ
މަޖިލީހުގެ ގަވައިދު އަންނަ މަހު ނިންމަން ފާސްކޮށްފި
Aishath Naja
އައިޝަތު ނަޖާ
28 މޭ 2024
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ގޮތުގައި ގަވައިދެއް އެކުލަވާލެވެންދެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރި ގަވައިދަށް އަމަލުކުރުމަށް 20 ވަނަ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މި ހުށަހެޅުން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހެވެ.

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ޕީއެންސީގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެހުމުން ފަލާހްގެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 90 މެމްބަރުންގެ އިއްތިފާގުންކަން ފާހަގަކޮށްލެވެއެވެ.

20 ވަނަ މަޖިލީހުގެ ގަވައިދުގެ އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގެ އާންމު ކޮމިޓީއަށް ހަވާލުކުރުމަށާއި އެ ކޮމިޓީން ކުރިއަށް އޮތް ޖޫން މަހުގެ 26 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އާ ގަވައިދު އެކުލަވާލާ ތަޅުމަށް ހުށަހެޅުމަށް ފަލާހް ވަނީ ބުނެފައެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމާ ގުޅޭގޮތުންވެސް މަޖިލީހުން މިއަދު ހުށަހެޅުމެއް ވަނީ ފާސްކޮށްފައެވެ.

އެގޮތުން ފަލާހު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީ 13 މެންބަރުންގެ މައްޗަށް އެކުލަވާލުމަށާއި މަޖިލީހުގެ އާންމު އެހެން ކޮމިޓީތައް 11 މެންބަރުންގެ މައްޗަށް އެކުލަވާލުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމު ވިދާޅުވީ 19 ވަނަ މަޖިލީހަށް ހުށަހަޅާފައިވާ މުހިއްމު މައްސަލަތަކާއި ބިލްތައް 20 ވަނަ މަޖިލީހަށް ނަގުލުވާނެ ކަމަށެވެ.

އެހެންކަމުން އެ މައްސަލަތަކާ މެދު 20 ވަނަ މަޖިލީހުން ގޮތެއް ނިންމަންޖެހޭ ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved