ތައިލޭންޑް އަދި ޔޫއޭއީ އިން އާސަންދަ ލިބޭނެ ގޮތް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށް އާސަންދައިން ހާމަކޮށްފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާއި ބެހޭ މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މި ޚިދުމަތް ހޯދޭ ގޮތަށް އާސަންދަ ފުޅާކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށެވެ.
ޖެނުއަރީ މަހުން ފެށިގެން ރައީސް ޑރ މުއިއްޒު އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިނަމަވެސް މިހާތަނަށްވެސް ތައިލެންޑް އަދި ޔޫއޭއިން އާސަންދަ ލިބޭގޮތް ވަނީ ހަމަޖައްސައިނުދެވިފައެވެ. އަދި އެކި ބައްދަލުވުންތަކުގައިވެސް މި ކަމާއި ގުޅޭގޮތުން ސުވާލުކުރުމުން، މިކަން ހަމަޖެހިގެންދާނެ ދުވަހެއް އަދިވެސް ނޭގޭ ކަމަށް ދަނީ ބުނަމުންނެވެ.
އިންޑިޔާ އަށް ބަރޯސާވުން ހުއްޓުވުމުގެ ގޮތުން އާސަންދަ އެހެނިހެން ގައުމުތަކުން ލިބޭން ގޮތް ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އިންޑިޔާ އެކު ދަނީ އެކި ދާއިރާތަކުން ގިނަގުން އެއްބަސްވުންތައް މަޝްވަރާކުރަމުންނެވެ. އެހެންކަމުން އިތުރު ގައުމަކުން އާސަންދަ ހަމަޖައްސަން ސަރުކާރުން މަސައްކަތް ކުރާނެކަމާއި މެދު މިހާރު ޝައްކެވެ.