މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މިނިސްޓްރީ ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަނަށް 195 ސިޔާސީ މުވައްޒަފުން އައްޔަންކުރައްވާފައިވާކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދިފައެވެ.
އެ މުއްދަތުގައި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންނާ ހިނގާ މުސާރައިގެ ތަފްސީލަށް ބަލާއިރު:
ސްޕޯޓްސް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ
މިނިސްޓަރު - 58,500ރ.
ސްޕޯޓްސް ކޮމިޝަނަރު - 58,500ރ.
މިނިސްޓަރު ޕާސަނަލް އެސިސްޓަންޓު - 15،000ރ.
ތިން ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
16 ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
38 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500ރ.
25 ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 20,500ރ.
12 އެސިސްޓަންޓު ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 18،000ރ.
98 ޔޫތު އެސޯސިއޭޓުން - 13،000ރ.
މި މައުލޫމާތުތަކުން ހާމަވާ ގޮތުގައި އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 3،738،000 ރ. (ތިން މިލިއަން ހަތް ލައްކަ ތިރީސް އަށް ހާސް ރުފިޔާ) ހޭދަވެއެވެ. އެއީ، އަހަރެއްގެ މައްޗަށް 44،856،000ރ. (ސާޅީސް ހަތަރު ހާސް އަށް ލައްކަ ފަންސާސް ހަ ހާސް ރުފިޔާ) އެވެ.
ސިވިލް ސާވަންޓެއްގެ އެވްރެޖު މުސާރައަކީ ގާތްގަނޑަކަށް 8,000ރގެ އަދަދަކަށްވާއިރު، ސްޕޯޓްސް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު ހޭދަވާ އަދަދުން 467 ސިވިލް ސާވަންޓުންނަށް މުސާރަ ދެވޭނެކަމަށް ހިސާބުތަކުން ދައްކައެވެ.
ސިޔާސީ ގޮތުން މަތި ލުއި ޚަރަދު ކުޑަ ސަރުކާރެއް ގާއިމުކުރާނެ ކަމުގެ ވައުދާ އެކު ރައީސް މުއިއްޒު ސަރުކާރު އައި ނަމަވެސް މި ސަރުކާރުގައި މިހާތަނަށް 3000 ވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަމަށް ރައީސް އޮފީހުގެ ޗީފު ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމަށެވެ.