ފައިތު މަހަކީ ރާއްޖެއަށް ނަހަމަ ވިއްސާރަ ފިނި ދުވަސްވަރަކަށްވީ ނަމަވެސް ކަަރންޓު ބިލުތަކުގައި ހުރި އަދަދުތައް ތިރިއަށް ނުދާ ކަމަށް ބުނެ އާންމުންގެ ނުރުހުން އަމާޒުވެއްޖެއެވެ.
ރޯދަމަސް މި އަހަރު ދިމާވީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ދުވަސްވަރަކާއެވެ. އެހެންކަމުން އޭރު ކަރަންޓު އިގްތިޞޯދުކުރަން ސްޓެލްކޯގެ އެމްޑީ އިލްތިމާސްކުރެއްވިއެވެ. އަދި ރޯދަ މަހުގެ ބިލުތައް އާންމު މަސް މަހުގެ ބިލުތަކާ އެއްވަރަށް ކެޕް ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވި ނަމަވެސް އެކަން ނުކޮށް އެ މަހު ބިލުތައްވެސް ފޮނުއްވިއެވެ.
އެހާ ހިސާބުން ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން ރައީސް ކޯފާ އިސްކުރައްވާ ބިލުތައް އިސްލާހުކުރައްވާ އަލުން ގޭބިސީތަކަށް ބިލު ފޮނުއްވަން އެންގުމުން އަލުން ބިލު ފޮނުވާ ކުރިން ބިލު ދައްކާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ ބިލުން އެ އަދަދު އުނިކުރާނެ ކަމަށް އެންގިއެވެ.
އޭގެ ފަހުން ޖެހިގެން އައި ދުވަސްތަކަކީ ރާއްޖެއަށް ވަރަށް ވިއްސާ ދުވަސްތަކެކެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިދާ ގުގުރުމާ އެކު ގަދަ ވައި ޖެހި ވާރޭ ވެހެމުންދާތާ މިހާރު ގާތް ގަޑަކަށް މަހަކަށްވުރެ ވަނީ ގިނަ ދުވަސްވެފައެވެ.
އެހެންކަމުން ޔަގީނުންވެސް އޭސީ ބޭނުންކުރާ ފަރާތްތަކާ ފަންކާ ބޭނުންކުރާ ފަރާތްތަކުންވެސް އެ އާލާތްތައް ބޭނުންކުރުމުގައި މަދު ކުރާނެ ކަން ޔަގީނެވެ. ނަމަވެސް މި ފަހަރުގެ ބިލުތައް އައި އިރު އަތް ނުފޯރާ ފަށުގައި އަދަދުތައް ހުރުމުން އާންމުގެ ލޮލުން ދިޔައީ ތަރަ ތަރަ ޖަހާފައޭ ބުނުމަކީ ދޮގަކަށް ނުވާނެކަން ޔަގީނެވެ. މިކަން ހާމަވަނީ ސޯޝަލް މީޑިޔާ ޕްލެޓު ފޯމުތަކުގައި އެކި މީހުން ލާފައިވާ ޕޯސްޓުތަކުންނެވެ.
މި ޕޯސްޓު ޝެއާރކޮށް މި މީހާ ބުނެފައިވަނީ މީގެ ކުރިން ރައްޔިތުން އަތުން "ފެލާ" ކަމަށްވެފައި އޮތީ ދިރާގު ފަދަ ކުންފުނިތަކުން ނަމަވެސް ރައްޔިތުން އަތުން "ފެލަނީ" ސްޓެލްކޯއިންކަން ޔަގީން ވެއްޖެ ކަމަށެވެ. އަދި ދެން ވީ އަތު ފަންކާގެ ޒަމާނަށް ބަދަލުކޮށް އަތު ފަންކާ ގެންގުޅެން ކަމަށްވެސް ބުނެފައިވެއެވެ.
މި ޕޯސްޓު ޝެއަރ ކުރި ފަރާތުންވަނީ އެންމެ ފަހުން ރީޑިން ނެގިތާ 20 ދުވަސް ފަހުން ބިލު ފޮނުވާފައިވާ ކަން ފާހަގަކޮށްފައެވެ. އަދި މި ފަރާތުންވަނީ މަހުގެ އެންމެ ފުރަތަމަ ދުވަހު ރީޑީން ނަގާ ބިލު ފޮނުވުމަށް ގޮވާލާފައެވެ. އަދި އެއް ހަމައެއްގައި ބިލުކުރުމަށާ ބޭންޑް އުވާލަންވެސް ގޮވާލާފައިވެއެވެ.
މި ޕޯސްޓު ޝެއަރ ކުރި ފަރާތުން ތުހުމަތުކޮށްފައިވަނީ ކުރިން މަސް މަހުގެ ބިލުން ޑިސްކައުނޓު ދިން ބައި މިމަހުގެ ބިލަށް އިތުރުކުރީ ކަމަށެވެ.
މީގެ އިތުރުންވެސް ގިނަ ބަޔަކު އެމީހުންގެ ކަަރންޓު ބިލުތަކުގެ ސްކްރީން ޝޮޓު ހިއްސާކޮށް ބޭންޑް އުވާލަން ގޮވާލާފައިވެއެވެ. އަދި މީގެ ކުރިން ކަރަންޓު ބިލުތައް ބޮޑުވީ ހޫނުވެގެން އޭސީތަކުގެ ބޭނުން އިތުރުކުރުމުން ކަމަށް ބުނެފައިވާއިރު މިފހަރު ބިލުތައް ބޮޑުވެގެން އުޅެނީ ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ބިލުތައް ބޮޑު ދުވަސްވަރަކަށް ވެގެންތޯވެސް އަހާ ނުރުހުން ފާޅުކޮށްފައެވެ.