ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ބައްދަލު ކުރައްވައިފިއެވެ.
މި ދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ ޔޫގަންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓްގެ ހަވާސާގައެވެ. ދެ ބޭފުޅުންވެސް ވަނީ މިކަން ހާމަކުރައްވާފައެވެ.
އެގޮތުން ޒަމީރު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ރާއްޖެއިން އިންޑިއާ ސިފައިން ބާލަން މިހާރު ފަށައިގެން ކުރިއަށްގެންދާ ހައި-ލެވެލް މަޝްވަރާތަކާ ބެހޭ ގޮތުންނާ، އިންޑިއާއިން ރާއްޖޭގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނިންމުން އަވަސްކުރުމާ ބެހޭ ގޮތުން ކަމަށެވެ. މީގެ އިތުރުން ސާކްގެ ގައުމުތަކާއި ނާމްގެ ގައުމުތަކާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާތައް ކުރި ކަމަށް ޒަމީރު ހާމަކުރައްވާފައިވެއެވެ.
It was a pleasure to meet with the External Affairs Minister of #India @DrSJaishankar in the margins of #NAMSummitUg2024.
— Moosa Zameer (@MoosaZameer) January 18, 2024
We exchanged views on the ongoing high-level discussions on the withdrawal of Indian military personnel, as well as expediting the completion of ongoing… pic.twitter.com/viw3fnppY7
ނަމަވެސް ޖައިޝަންކަރުގެ ޓްވީޓް ގައި ސިފައިންގެ ވާހަކައެއް ހިމަނުއްވާފައެއް ނުވެ އެވެ. ވިދާޅުވީ ދެ ބޭފުޅުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.
ޖައިޝަންކަރު މިފަދަ ގޮތަކަށް އެކްސްގައި ޕޯސްޓް ކުރައްވާފައިވާއިރު، އިންޑިއާ ރާއްޖެ މައްސަލަތަކުގައި މަޝްވަރާކުރުމަށް އުފައްދާފައިވާ ކޯ-ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި އިންޑިއާ ސިފައިން މާރިޗު ފަނަރައިގެ ކުރިން އަނބުރާ ގެންދިއުމަށް އެދިފައިވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވީ ނަމަވެސް އެކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ކޮންމެ ހަފްތާއަކު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރަންދިރު ޖައިސްވަލް ބުނެފައިވަނީ މިމަހު 14 ވަނަ ދުވަހު ރާއްޖޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރާއްޖެއަށް އެ ގައުމުން މިހާރު ވެސް ދެމުންދާ އިންސާނީ އެހީގެ ހިދުމަތްތައް ދެ ގައުމުން ވެސް އެއްބަސްވެވޭ ހަމައެއްގެ މަތިން ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށް ކަމަށެވެ. އެކަމުގެ އިތުރު ތަފުސީލު ލިބޭނީ ދެ ގައުމުގެ އިސްވެރިންގެ މެދުގައި ދެން އޮންނަ ބައްދަލުވުމަކަށް ފަހު ކަމަށް ޖައިސްވަލް ހާމަކުރިއެވެ.
މާޗް މަހުގެ ނިޔަލަށް އިންޑިއާ ސިފައިން ބާލަން ސަރުކާރުން ވަނީ އިންޑިއާ ގައި ރަސްމީކޮށް އެދިފައިވާ ކަމަށް ދިވެހި ސަރުކާރުން ހާމަކުރި ނަމަވެސް އެކަމާއި ގުޅޭގޮތުން އިންޑިއާ އިން އެއްވެސް ވާހަކައެއް ނުދައްކައެވެ.
މިކަމާ ގުޅިގެން ދެ ގައުމުގެ ރައްޔިތުންވެސް ތިބީ ވާ ނުވާ ނޭނގިފައިކަން ފާހަގަކޮށްލެވެއެވެ.