March 12, 2026
Advertisement
ފާނަ ނަގަން ފޭބި މީހުން ބޭނުން ކުރި ބާސްކެޓު އަދި ދިދަ އަދި ކައިރީގައި މަރުވި މީހާގެ ލޭ
ފާނަ ނަގަން ފޭބި މީހުން ބޭނުން ކުރި ބާސްކެޓު އަދި ދިދަ އަދި ކައިރީގައި މަރުވި މީހާގެ ލޭ / އަދަދު

ލޯންޗަކުން ޖެހި މީހަކު މަރުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jun 1, 2024, 06:24 PM
މާލެ ސިޓީ

ލޯންޗަކުން ޖެހި އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަން ފައިބާ އުޅުނު މީހަކު މަރުވެއްޖެއެވެ.

Advertisement

އެ މީހާ މަރުވެފައި ވަނީ ދަނގެއްޗާއި ރަންވެލި ރިސޯޓާ ދޭތެރޭ އޮންނަ ފަރެއްގެ މަތިން އދ. މާމިގިލިން މާލެއަށް ދަތުރު ކުރި ލޯންޗު ފެރީއަކުން ޖެހި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މަރުވެފައިވަނީ ބަންގްލަދޭޝް ރައްޔިތެކެވެ.

އެކަން ހިނގާފައިވަނީ ހެނދުނު 7:30 ހާއިރު ކަމަށާ ދަނގެތި ކައިރީގައި ފާނަ މަސްވެރިކަން ކުރަން އުޅުނު، އެމީހާ ގައިގައި ޖެހުނު މާމިގިލިން މާލެއަށް ދަތުރުކުރި ލޯންޗު ޖެހުންމުންވެސް، އަޅާވެސް ނުލައި ދިޔައީ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ބަންގުލަދޭޝް މީހާ މޫދުގައި އުޅުނީ ދިދައެއް ވެސް ނަގައިގެން ކަމަށް މައުލޫމާތު ލިބުނު ކަމަށާ އަދި ލޯންޗު ދުއްވަން އިން މީހާއަށް ބާސްކެޓު ވެސް ފެނުން ކަމަށް އަޑު ފެތުރިފައިވެއެވެ.

މަރުވި ބަންގުލަދޭޝް މީހާ މަސައްކަތް ކުރަމުންދިޔައީ ފ. ފީއަލި ދޯންޏެއްގަ އެވެ. އެ ދޯނީގައި މަރުވި މީހާ ހިމެނޭހެން ހަތް ބަންގުލަދޭޝް ރައްޔިތުންނާއި ދިވެއްސަކު ތިއްބެވެ.

ލޯންޗުގައި ޖެހުނު މީހާގެ ކަރުމަތީ ޖެހިފައި ހުރިކަމަށާ ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެކަމާ ގުޅިގެން މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ދަނގެތި ކައިރިން ފާނަ މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހުނު ވާހަކަ މިއަދު ހެނދުނު 7:55 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަނިޔާވި މީހާ ދަނގެތި ސިއްހީ މަރުކަޒަށްް ގެންދިޔައިރު، ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ފުލުުހުން ގެންދާއިރު، އެމީހާ ގައިގައި ޖެހުނު ލޯންޗު ދުއްވަން އިން މީހާ އާއި އެ ލޯންޗު ވެސް މިވަގުތު އޮތީ ދަނގެތީގައި ހިފަހައްޓައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved