ލޯފަން މީހަކު އޭނާގެ ލޮލަށް ފެނުމުން އެންމެ ފުރަތަމަ ވެސް އެއްލާލާނީ ކޮން އެއްޗެއްތޯ މިއީ މިރޭގެ ސުވާލެވެ. މި ސުވާލުގެ ޖަވާބަށް ނަޒަރު ހިންގާލުމުން އާންމު ދިރިއުޅުމުން މި ސުވާލުގެ ޖަވާބު ލިބިގެން ދެއެވެ.
އެގޮތުން ބަލާއިރު އެތައްދުވަހެއް ވަންދެން އޭނާގެ އެންމެ ގާތް އެކުވެރިޔާކަމުގައި އަދި އޭނާއަށް މަގު ހިނގައި އުޅުމުގައާ އޭނާއަށް ކަންކަން ކުރުމުގައި އަތުލަފިކޮށްދިން އަސާ ގަނޑަކީ އޭނާ ނުހަނު ލޯބިވާ އެއްޗަކަށް ނޫނީ ނުމެވެއެވެ. ނަމަވެސް އެއީ އޭގެ ބޭނުން ފުދެން ދެންނެވެ.
އެތައް ދުވަހެއް ވަންދެން މުޅި ދިރިއުޅުމުގެ އާރުކާޓީއަކީ އެ އަސާގަނޑުކަމުގައި ވި ނަމަވެސް ހަމަ ލޮލަށް ފެނި ދުނިޔެ މަތީގައި އަސާގަނޑާ ނުލާ އުޅޭ ވަރުވުމުން ނަގާ އަތުކޮޅަށް ހޫރާލަނީއެވެ.
2018 އިން 2023އަށް މަގު މަތީ ހަރަކާތްތަކަށް ބީރައްޓެހި ޕީޕީއެމްއިން މަގުތައް މައްޗަށް ނުކުންނަ ރައްޔިތުންގެ އަދަދަށް މަލާމާތްކޮށް ސަރުކާރާގެ ބައިވެރިން ބުނަމުން ގެންދިޔައީ އެ ނުކުންނަނީ ހަ ކެނައިން ކަމަށެވެ.
އެގޮތުން އެ ހަކެނަ ނުކުމުގެން ވާނީ ކޮން ކަމެއްތޯ ސުވާލުކޮށް އެ ރައްޔިތުންނަށް ފުރައްސާރައާ މަލާމާތުގެ ބަސްތައް މަގުމަތިން ދާއިރު އޭރު ރައްދު ކުރެއެވެ. ނުވިތާކަށް ކުނި ބިހާ ކުނިފެނުގެ އިތުރުން ކުޑަ ކަމުދާ އެއްޗެހި ވެސް ކޮތަޅު ކޮތަޅުތަކަށް އަޅާ ގެތަކުން އެ ރައްޔިތުންގެ ގަޔަށް އުކަމުން ގެންދެއެވެ. ކަޅު ތެޔޮ ވެސް އެ ރައްޔިތުންނަށް ހަމަލާ ދިނުމުގެ ގޮތުން އުކާފައިވެއެވެ.
މިއިން ކޮންމެ ފަހަރަކުވެސް ފުލުހުން ހިމާޔަތްކުރަނީ ސަރުކާރަށް ތާއީދު ކުރާ މީހުންނެވެ. ސަރުކާރުގެ ބަހަށް ހެއްލި ޣައިރު ގާނޫނީ އަމުރުތައް ތަންފީޒު ކުރުމުގައި ފުލުހުން ފެންނަމުން ދިޔައީ އަވިދި ނެތި އުޅޭ މަންޒަރެވެ.
ކުޑައި މީސް ބަސް ރައްދުވި އެ ރައްޔިތުންގެ ހިތްވަރެއް ނަމަވެސް ބަދަލެއް ނާދެއެވެ. ޗިސް ޗިސް ކޮށްލިޔަސް ފިސް ފިސް ކޮށްލިޔަސް އެ ރައްޔިތުން ދިޔައީ ދީނާ ގައުމުގެ ހައްގުގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި މަގުން ހިތްވަރާ އެލުވާ ނުލާ ދަތުރު ކުރަމުންނެވެ. އަޅުވެތިކަމުގެ ކުރިމަތީ ކުޑަ ކަކޫ ނުޖަހާނެ ކަމަށް ބުނެ ހިތްވަރާ ހިތްމަތުން އަޑު އުފުލަމުންނެވެ.
ހަކެނަ ނުކުމެ މުޅި ދައުލަތް ކޮށި އަރުވާލާ ދައްކަމުން ގެންދިޔަ ހިތްވަރުގެ ނަތީޖާ ފެނިގެން ދިޔައީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެގި ވޯޓުންނެވެ. ރަގަޅު ވާހަކައެކެވެ. ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ވޯޓުދީގެން ނަމަވެސް. ނަމަވެސް ދިވެހީންނަށް އެ ހިތްވަރާ ސަރުކާރު ބަދަލުކުރަން ޖެހޭކަން ވިސްނައިދިނީ އެއްކަލަ ހަކެނައޭ ބުނުމަކީ ދޮގަކަށް ނުވާނެކަން ޔަގީނެވެ.
ކޮންމެ އަކަސް ވެރިކަން ބަދަލުވެ ކަންކަން ހެޔޮ މަގުން ހިނގާނެކަމުގެ އުއްމީދާ އެކު ތިބި ރައްޔިތުންނަށް މާޔޫސްކަން ގެނުވީ މާކަ ލަހެއް ނުވަނީސްއޭ ބުނަން ޖެހެނީ ހިތާމައާ އެކުއެވެ. އާންމު ދިރިއުޅުމުގައި ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތަކުން ވައްކަން ކުރަމުންދާ ކަމުގެ ތުހުމަތައެކު ރައްޔިތުން ރަތަށް އަރާ ޝުއޫރުފާޅުކުރަން ފެށިއެވެ.
ކުރިން އެންގުމަކާ ނުލާ އެއްވެ އުޅުމުގެ މިނިވަންކަމަކި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބޭ ހައްގެއް. އަދި ކޮންމެ ތަނަކަށް ވެސް އެއްވެވޭނެއެވެ.
ފުލުހުންގެ ގާނޫނަށް މި ސަރުކާރަށް ގެނައި އިސްލާހާއެކު ކުރިން އެ ގާނޫނުގައި އޮތް ވަކި ތަނަކަށް އެއްވަން ޖެހޭ މާއްދާ ވަނީ އުވި ގޮސްފައެވެ. އެހެންކަމުން މިހާރު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކުރިން އެންގުމަކާ ނުލާ ބޭނުން ކޮންމެ ތަނަކަށް އެއްވެވޭވެނެއެވެ.
އެގޮތުން އެ ހައްގުގެ ބޭނުން ހިފައިގެން ދިވެހި ރައްޔިތުން ހޮނިހިރު ދުވަހު ނުކުތީ ސްޓެލްކޯގެ ބިލުތަކާ މެދު އޮތް ހިތްނެޖހުމުގައި ވެރިންނާ ބައްދަލުކުރުމަށެވެ. ނަމަވެސް އިހުތިޖާޖަށް މީހުން ދިޔައިރު އަމީނީ މަގު ދެކޮޅުން ބެރިކޭޑު ޖަހާ ބަންދުކޮށްފައި އޮތެވެ.
ވަޒީފާގެ ބިރުވެރިކަމާ އެކު ގިނަ ބަޔަކަށް އެތަނަށް ޖަމާވާން ނުކެރުނު ނަމަވެސް ޖަމާވި މީހުން އެމްޑީ ފަހުމީއާ ސަރުކާރުގެ އިސްތިއުފާއަށް ގޮވަމުން ދިޔައެވެ. ފުލުހުން ތިބީ މުޅި ހިސާޞު ވަށާލައިގެންނެވެ.
މިޒާހަރާއެއް ކުރަން ހަ ކެނަ އެއްވިޔަސް ބިރުން ރަޖާލައިގެން އޮންނަކަމަށް ނަމަވެސް ނަން ވެފައިވަނީ އިބްރާހިމު މުހައްމަދު ސޯލިހެވެ.
އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައި އޮތް ގާނޫނުވެސް އަދިވެސް އޮތީ ބޮޑު ފޮއްޓަށް ލާފައެވެ. އެކަމަކުވެސް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ ހައްގު ތަންމިނަށް ހުޅުވާލި ވާހަކައެވެ.
މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. އެ ސަރަހައްދަށް އެވި މީހުންގެ ޝުއޫރު ފާޅުކުރުމުން ސަރުކާރުގެ ނައިބުން ވަނީ ނަމުން ސަސްޕެންޝަންގައި ތިބެ އެ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގަމުން އެ ރައްޔިތުންނަށް މަލާމާތާ ފުރައްސާރަ ރައްދު ކޮށްފައެވެ. އެގޮތުން އެކި ޕާޓީތަކުގެ ނަން ހިމަނައިގެން އެވެނި ޕާޓީއެއް މިވެނި ޕާޓިއެއްގެ ހަކެނަ އޭ ކިޔާ އަނގަ ފުޅާކުރަމުން ނައިބުން ދުވަމުންދާއިރު އެ ރައްޔިތުންގެ ޓެކްސް ފައިސާއިން މުޅި އާއިލާ ތިތިބެނީ މުސާރަ ނަގައިގެން ހަނދާނެއް ނެތްދޯއެވެ؟
ހައެއ ްވިޔަސް ފަހެއް ވިޔަސް ދިވެހިން ވިއްޔާ ވާނީ ދިވެހިންނަށެވެ. އެމްޑީޕީ ޕީއެންއެފް އޭ ކިޔުމުގެ ކުރިން އެއީ ދިވެހި ރައްޔިތުންނެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. ތިމަން މަނިކުފާނަކީ ވަކި ކުލައެއް ވަކި ޕާޓީއެއް ތަމްސީލުކުރައްވަން އައި ރައީސެއް ނޫން ކަމަށާ ތިމަން މަނިކުފާނަކީ ހުރިހާ ދިވެހި ރައްޔިތުންގެ ރައީސެއް ކަމަށެވެ.
އެހެންކަމުން މިވެނި ޕާޓިއެއްގެ ހަ މީހުންނޭ ކިޔާ ނައިބުންނާ ޑަބްލިޔުޑީސީގެ މެމްބަރުންގެ ފިރިންނާ އަދިވެސް ޕީއެންސީގައި ތިބެ ކަނޑިބުރި ހަނދާންނނެތިގެން އުޅޭ މީހުންނަށް ބުނެލަން އޮތީ ކުއްޅަވައް ފަލު ރަނިންވެސް އުޅުނީ ތިޔަހެންނެވެ. އޭރު އެމްޑީޕީއިން އިޝާރާތްކުރި "ހަކެނަ" ނުކުމެ މަގުތައް މަތީ ކުރި ހިތްވަރުން ލިބުނު މޮޅުގައި އެ ހަކެނައަށް މަލާމާތާ ފުރައްސާރަ ރައްދުކުރުމަކީ ކަނޑިބުރި މަތިން ހަނދާން ނެތުމެވެ. މިއަދު ތިޔަ މީހުންގެ މިސާލަކީ އެހެންކަމުން ލޯ އަނދިރި ބައެއްގެ މިސާލުތާއެވެ.