ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންދެން އިޒްރޭލު ޕާސްޕޯޓުގައި އަދިވެސް ރާއްޖެ އެތެރެވޭނެކަން ހާމަވެއްޖެއެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާރެއް 19 ވަނަ މަޖިލީހުން ހުށަހަޅާފައިވެއެވެ. މިދިޔަ ނޮވެމްބަރު މަހު މަޖިލީހުން އެ ގަރާރު ރައީސް އޮފީހަށް ފޮނުވާފައިވެއެވެ. ނަމަވެސް އައު ސަރުކާރު ހުވާކޮށް ހަތް މަސް ފާއިތުވެގެން ދިޔައިރުވެސް އެ ގަރާރާމެދު ގޮތެއް ނުނިންމާ ރައީސް މުހައްމަދު މުއިއްޒު ގެންދަވާތީ އާނމުންގެ ގިނަ ބަޔަކު ނުުރހުންފާޅުކޮށް އެކަމާ ދެކޮޅަށް އާދިއްތަ ދުވަހު ރައީސް އޮފީސް ސަރަހައްދުގައި އިހުތިޖާޖުކޮށްފައިވެއެވެ.
ނޫސްވެރިންވެސް އެކަމާ ގުޅިގެން އެތައް ބައްދަލުވުމެއްގައި ސަރުކާރުގެ އިސް ތަރުޖަމަނާ ސުވާލުވެސް ކޮށްފައިވެއެވެ. ޖަވާބުގައި އެކަމަނާ އަބަދުވެސް ވިދާޅުވަނީ ރާއްޖޭގެ ސްޓެންޑަކީ ފަލަސްތީނާއެކު ތިބުން ކަމަށެވެ. އިޒްރާއިލް ޕާސްޕޯޓް ބޭން، ނުވަތަ މަނާނުކޮށްގެން އުޅޭ ސަބަބެއް ނަމަވެސް ހާމަކޮށްދެވިފައިނުވެއެވެ.
މިކަމާ ގުޅިގެން ދީނީ އިލްމުވެރިންވެސް ސަރުކާރަށް ފާޑުކިޔަމުން ގެންދަނީ އާދިއްތަ ދުވަހު ވަޒީރުންގެ މަޖިލީހުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް އިސްލާހުތަކެއް ގެންނަން ނިންމާފައެވެ. ނަމަވެސް މިއިސްލާހުތައް ގެނެސް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންދެން އަދިވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވެވޭނެއެވެ.
އެގޮތުން މިއަދު ކެބިނެޓު ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ، އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ރާއްޖެއިން އަމަލުކުރާނެ ގޮތްތައް މިއަދު ވަޒީރުންގެ މަޖިލީހުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން، އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެ މަޖިލީހުގައި ނިންމާ، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާ އެކު އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގިނަ ދުވަސްތަކެއް ހޭދަ ވެގެން ދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ދޭހަވެގެން ދަނީ އިސްލާހުތައް ވަކިގޮތަށް ފާސްވެ މަޖިލީހުންވެސް ގޮތެއް ކަނޑާ ރައީސް އާ ހަަމއަށް ފޮނުވަންދެން އިޒްރޭލު ޕާސްޕޯޓުގައި އަދިވެސް ރާއްޖެ އެތެރެ ވެވޭނެ ކަމެވެ.
ރައްޔިތުންގެ ޕްރެޝަރ ސަރުކާރަށް ބޮޑުވެ މަޖިލީހަށް މި މަސައްކަތް ޖާމިނުކުރިއިރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިފައިވާ ބާރުގެ ތެރޭގައި، އިޒްރާއީލަކީ ނިރުބަވެރި ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ލިބިގެން ވާކަން ފާހަގަކޮށްލެވެއެވެ. މިބާރު ރައީސްއަށް ލިބިވަޑައިގަންނަވަނީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުންނެވެ.