މަސްވެެރިންނަށް ފައިސާ ނުދޭތާ 42 ދުވަަސްވެފައިވާކަން ހާމަވެއްޖެއެވެ.
ޒުވާން މަސްވެރިއެއް އެކްސްގައި ޕޯސްޓެއް ކުރައްވާ ބުނެފައިވަނީ މިދުވަސްކޮޅު މަސްވެރިކަން ވަރަށް ރަނގަޅުކަމަށެވެ.
ނަމަވެސް ހިތާމަކުރަނީ މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބި 42 ދުވަސް ވެފައިވާތީކަމަށެވެ.
އެ ޕޯސްޓްގައި މަސްވެރިޔާ ވަނީ އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ޓެގްކޮށް ބުރަ މަސައްކަތުން ކިރުއްވި މަހުގެ ފައިސާ ކޮބައިތޯ އަހާފައެވެ.
އޭގެއިތުރުންވެސް އެ ޕޯސްޓްގައި އެ މަސްވެރިޔާ ވަނީ ފައިސާ ނުލިބި ގިނަ ދުވަސްވަމުންދާތީ މަސްވެރިންގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދާ ކަމަށްވެސް ފާހަގަކޮށް، ފައިސާ ދެއްވުމަށް އާދޭސްކޮށްފައެވެ.
މި ސަރުކާރުން ވެރިކަމަށް އައީ މަސްވެރިން މަސް ކިރާތާ 48 ގަޑި އިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭނެ ކަމުގެ ވައުދާއެކުގައެވެ.
ނަމަވެސް ފެނިގެންދަނީ މަސްވެރިން މަސްކިރާތާ މަސް ދެމަސް ވެގެންދާއިރު ވެސް އެ ފައިސާ ނުލިބިގެން މަސްވެރިން ސަލާން ޖަހަމުންގެންދާ މަންޒަރެވެ.
މިނިސްޓާރ ޝިޔާމް ވަނީ އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދީފައިވަނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގައި ކަމަށް ވިދާޅުވެ ފައިސާ ނުދެވި ބެކްލޮގްގައި 62 މިލިއަން ރުފިޔާ ހުރިކަމަށްވެސް ވިދާޅުވެފައެވެ.
މަސްވެރިންނަށް މިހާ ދެރަކޮށް ކަންތައް ކުރަމުންގެންދާތީ މަސްވެެރިންގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުކުރަމުންނެވެ.