އިންޑިއާއަށް ބަރޯސާވުން ކުޑަކުރުމުގެ ދަށުން ދައުލަތުގެ ހެލްތު ސްކީމް، އާސަންދައިގެ ހަރަދުގައި ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރުމުގެ ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، އިންޑިއާމެދު އޭރު ހިތްޕުޅުގައި ނުތަވަނަސްކަން އޮތްކަން ދެއްކުމުގެ ގޮތުންނާ މަޖިލިސް އިންތިހާބުވެސް ގާތްވެފައި އޮތުމުން ރައްޔިތުން ރުއްސާ، ރިޔާސީ އިންތިހާބުގައިވެސް ބޭނުންކުރި އެއް އުކުޅު ކަމަށް ގިނަ ބަޔަކު ބުނަމުންދާ " އިންޑިއާ އައުޓު ސިޔާސަތުތަކުގެ ތެރެއިން އާސަންދައަކީ ވަކި ގައުމެއްގެ ހުރި މަރުކަޒުތަކަކުން ލިބޭ ޚިދުމަތަކަށް ވުރެ އެ ހިދުމަތް ފުޅާކޮށް ތައިލޭންޑް ފަދަ މޮޑަރން މެޑިކަލް ސާވިސް ލިބެނޭ ގައުމުތަކުން އާސަން ލިބޭނެ ގޮތް ނިންމަވާނެ ކަމަށްވެސް އެ ދުވަހު އެމަނިކުފާނު ވިދާޅުވިއެވެ. ވިދާޅުވީ ހުރުމުގެ ހަރަދާ އެކީ މި ގައުމުތަކުގައި ހުންނަ ފެންވަރު ރަނގަޅު ހޮސްޕިޓަލުތަކުން ދިވެހިން ހޯދާ ފަރުވާ އާސަންދައިން ކަވާކުރާނެ ކަމަށެވެ.
ތައިލެންޑާއި ޔޫއޭއީއިން ސިއްހީ ހިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ވާހަކަ ރައީސް ފުރަތަމަ ދެއްކެވީ، ޖެނުއަރީ 13، ގައި ޗައިނާއިން ވަޑައިގެން އިންޑިއާއަށް ދެއްވި ނުސީދާ ބަހުގެ ހަމަލާތަކުގެ ތެރެއިން ކަމަށްވީއިރު ދާދަި ފަހުން އާސަންދައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވމުގައި އެ ކުންފުނީގެ އެމްޑީ ފާތިމަތު ޒީނިޔާ ވިދާޅުވީ އާސަންދަ ހިދުމަތް ތައިލޭންޑް އަދި ޔޫއޭއީ އިން ލިބޭނެ ގޮތް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
އެއަށް ވުރެ ކުރިއަށް ނަޒަރު ހިންގާލާއިރު، މިދިޔަ ޑިސެމްބަރު 17، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ އިތުރު ގައުމަކަށް ބޭހަށް ފޮނުވުމުގެ ވިސްނުމެއް ނެތް ކަަމަށާއި، އެހެން ގައުމުތަކަށް މީހުން ފޮނުވުން ވާނީ މާލީ ބުރައަކަށް ކަމަށެވެ
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވެސް ވަނީ މިކަމާ ގުޅިގެން މަޖިލީހުގައި ސުވާލުކުރުމުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވީހާ އަވަަހަކަށް އެ ހިދުމަތް ފަށަން ކަމަށް ވިދާޅުވެފައެވެ. ސީދާ ތާރީހެއް އެކަމަނާއަށް ވެސް ވިދާޅުވެދެއްވިފައިނުވެއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތުގެ ތެރެއިން ތައިލެންޑަށް ބަލިމީހުން އުފުލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް މިހާރު އެއާ އެމްބިއުލާންސްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ޑޭޝް-8 ގައި ދެވޭ ހަމައެކަނި ގައުމަކީ ސްރީލަންކާއެވެ.
މިހުރިހާ ކަމެއް މިހެން ހުއްޓާ މާރިޗު މަހުގެ 28 ވަނަ ދުވަހުގެ ރޭ ދައުކަތުގެ މީޑިޔާ ޕީއެސްއެމަށް ދެއްވި ބަސްދި ގަތުމެއްގައި ރައީސް މުއިއްޒަށް ވަނީ އިންޑިއާއަށް ބަރޯސާވުން ކުޑަކުރުމުގެ ދަށުން ދައުލަތުގެ ހެލްތު ސްކީމް، އާސަންދައިގެ ހަރަދުގައި ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރުމުގެ ހިދުމަތް ދޭން ފަށާނެ ސީދާ ތާރީހެއް ވިދާޅުވެ ނުދެއްވިފައެވެ.
މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ ނުފުއްދޭހާ ނަދުރު ބުނަމުން ރައީސަކު މިގެންދަވަނީ ހަމަ މުޅި ދައުލަތް ހިތަކަށް ނުލިބިގެން ބާއެވެ؟
އާސަންދަ ޚިދުމަތަކީ ގައުމުގެ އިގްތިސޯދުން ލޭފާއްދާލައިގެން އެ ގުރުބާންކޮށްގެން ދެމުން އަންނަ ޚިދުމަތަކަށް ވާއިރު ގައުމުގެ ވެރިޔާ ރައްޔިތުން މިވަރުގެ އޮޅުވާލުމެއް މި އޮޅުވާލަނީ ހަމަ އެ ބޭނުންފުޅުވާ ގޮނޑިތަކާ މަގާމުތައް ޕީއެންސީއަށް ނުލިބިދާނެތީ ހެއްޔެވެ؟ އަންނަނީ އަންނަނީގައި އާސަންދައިގެ މިވާހަކަ ލިސްޓު ކުރެވިގެން ދާއިރު ނަނާ ހުވަފެނެއްގެ އިންތިޒާރުގައި ރައްޔިތުން ބައިތިއްބައިގެން ލޯކަލް ކައުންސިލްވެސް ދޭށޭ ބުނަން އުޅޭހެން ހާދަ އެބަ ހީވެއެވެ.