March 12, 2026
Advertisement
އިޒްރޭލަށް ވާގިވެރިވާ ކުންފުނިތަކުގެ އެހީގައި އެއްބަސްވުންތަކުގައި ސޮއި ކުރަނީ
އިޒްރޭލަށް ވާގިވެރިވާ ކުންފުނިތަކުގެ އެހީގައި އެއްބަސްވުންތަކުގައި ސޮއި ކުރަނީ / ސޯޝަލް މީޑިއާ

އިޒްރޭލަށް ވާގިވެރިވާ ކުންފުނިތަކުގެ އެހީގައި އެއްބަސްވުންތަކުގައި ސޮއިކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Jun 5, 2024, 01:31 AM
މާލެ ސިޓީ

ޕެޓް ޕްލާސްޓިކް ރިސައިކަލް ކުރުމަށްޓަކައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔާންސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Advertisement

މި އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވެފައިވަނީ މި ޕްރޮޖެކްޓަކީ ކޮކާ-ކޯލާ ފައުންޑޭޝަންގެ ފަންޑިންގ އާއި އެކު ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. މީގެ އިތުރުން، ކޮކާ-ކޯލާގެ އެހީގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ހުޅުވާފައެވެ.

އިޒްރޭލާއި ފަލަސްތީނުގެ ހަނގުރާމަ ފެށުނީއްސުރެ ބޮއިކޮޓް ކުރުމަށް އެންމެ ގިނަ ފަރާތްތަކުން ގޮވާލަމުން ދިޔަ އެއް ވިޔަފާރިއަކީ ކޮކާ-ކޯލާގެ އުފެއްދުންތަކެވެ. އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށާއި، އިޒްރޭލަށް ވާގިވެރިވާ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް ދިވެހިން ދަނީ ހުއްޓުމެއްނެތި ގޮވާލަމުންނެވެ.

ނަމަވެސް، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުގެ ބާރު ލިބިފައިވާއިރުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފިޔަވަޅު ނެގުމުގެ ބަދަލުގައި މަޖިލީހަށް އެ ބާރު ދީފައެވެ. އަދި އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމުގެ މަގު ފަހިކޮށްދީ، އިޒްރޭލަށް ވާގިވެރިވާ ކުންފުނިތަކުގެ އެހީގައި ބޮޑެތި މަޝްރޫއުތަކުގައި ސޮއިކުރަމުންނެވެ.

މިއީ، ފަލަސްތީނުގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށް ބުނުމަށްފަހު ސަރުކާރުގެ އަމަލުތައް ހުރިގޮތެވެ. މަދު ޑޮލަރުތަކެއްގެ ބޭނުމުގައި ސަރުކާރުން ނަގަމުންދާ ފިޑި ފިޔަވަޅުތަކެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved