

ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރީ ދީނީ އިލްމުވެރިން ރައީސް ޑރ މުހައްމަދު މުއިއްޒަށް ކުރުވި ޕްރެޝަރގެ ސަބަބުންކަމަށާ އެހެންކަމުން އެކަމުގެ ކްރެޑިޓު ސަރުކާރަށް ދޭން ނުޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި އޯޑިއެންސްގައި އިންނަވާ ބުރާސްފަތި ދުވަހުގެރޭ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރުމަށް ދައުލަތުން 300 އަށް ވުރެ ގިނަ ދުވަސް ހޭދަ ކުރިކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. އަދި އެއީ ކެބިނެޓުން ހުރިހާ ކަމެއް ނިންމާ މަޖިލީހަށް ފޮނުވި ބިލެއްކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރައީސް މުއިއްޒު ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރީ އިލްމުވެރިން ކުރި ޕްރެޝަރުން އެކަމަށް މަޖުބޫރުވެގެންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން މަޖްބޫރުވެގެން އެކަން ކުރުމަށް ފަހު ބޮޓޭކޯމެން މެޑަލް ޖެހުމަކުން އެކަމުގެ ކްރެޑިޓު ދޭން ނުޖެހޭ ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
މިއީ ކެބިނެޓުން ހުރިހާ ކަމެއް ނިންމާ މަޖިލީހަށް ފޮނުވި އެއްޗެއް. މަޖިލީހުގައި މި މައްސަލަ ބޮޑުވެގެން ލަސްވަމުން ލަސްވަމުން ހަމަ ނިންމި ތަނުން ތަސްދީގު ކޮށްފި. އެހެންވީމަ ވަރަށް ސާފު. ރައީސް މުއިއްޒު ބޭނުން ނުވީ އޭގެ ކުރީން އެކަން ނިންމަން. އެކަމުގައި އިލްމުވެރިންނަށް ކެތް ނުވެގެން ނިކުތީމަ އެއްދުވަހުން އެކަން ނިންމާ ތަސްދީގުވެސް ކޮށްފި.
މިއޮތް ހުރިހާ ދުވަހު ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް އޮތީ އެމެރިކާ އާއި ޔަހޫދީންނާއި އެކު ރައީސް މުއިއްޒުގެ ސަރުކާރުން އޮންނަ ގުޅުމަކަށް ބަލާތީ އެކަމާއި ގުޅިގެން ރާއްޖެއަށް ފިޔަވަޅު އަޅާފާނެކަން ގަބޫލު ކުރެވޭތީކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވާފައިވެއެވެ.