
ތަނެއްގައ ހަމަޖެހުން ގާއިމުވާނީ އެ ބައެއްގެ ތެރޭގައި އަހުލާގީ މިންގަނޑު ރަނގަޅު ހޮތުގައި ހިފެހެއްޓިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެެއެވެ.
ޑރ. ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަދުރޭގެ އެ ވާހަކަތަކުން ގިނަ ބަޔަކު އަޖައިބުވާނެ ކަމަށެވެ. އެހެނީ އަދުރޭއަކީ ޚުދު އޭނާގެ އަމިއްލަ އަޚްލާގުގައި އެބުނާ ފަދަ ރިވެތި އަޚްލާގިއްޔަތެއް ނެތް މީހަކަށްވެފައި އޭނާގެ ނުބައި އަޚްލާގުން ކަނޑެއްވެސް ތަޣައްޔަރު ކޮށްފާނެތީ ކަމަށްވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޑރ. ޖަމީލު ވިދާޅުވީ، ގިޔާމަތްވުމުގެ އަލާމާތްތަކުގެ ތެރޭގައި މިފަދަ ޖާހިލުން ބޮޑަތި މަގާމުތަކަށް އައުން ހިމެނޭ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
އަދުރޭ ރިވެތި އަޚްލާގުގެ ވާހަކަ ދައްކާފައިވާއިރު އޭނާ އަކީ މީގެ ކުރިން މީހުންނާ މުޚާތަބު ކުރުމުގައި ހަޑި ހުތުރު ބަހުރުވަ އަދި އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ ބަހުރުވަ ބޭނުންކޮށްފައިވަ މީހެކެވެ. އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭފުޅުންނާ ވެސް ރޯދަ މަހަ ދުވާލު ގަޑިއެއްގައިވެސް ބޭއަދަބީ ބަސް ބޭނުންކޮށްފައިވެއެވެ.










