އިސްރާއީލު ޕާސްޕޯޓު މަނާ ކުރަން ނިންމުމުން ރާއްޖެއަށް އެމެރިކާގެ އެހީ ކަނޑާލަން ބިލެއް ހުށަހަޅެމަށް ތައްޔާރުވަނީއެވެ.
އިސްރާއީލުގެ ފަތުރުވެރިން ރާއްޖެ އެތެރެވުން ހުއްޓުވުމާއި ދެކޮޅަށް ބިލް ހުށަހެޅީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާއެވެ. ޖޯޝް އަކީ އިސްރާއީލާއި އެއްކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަދައްކާ މެމްބަރު ކަމަށްވެސް އެ ގައުމުގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
އެ ގައުމުގެ ނޫހެއް ކަމަަށްވާ، "އެކްސިއޯސި" ނޫހުން ބުނި ގޮތުގައި، ގޮތެއިމާ ހުށަހަޅުއްވާ ބިލަށް ދީފައިވާ ނަމަކީ ރަހުމަތްތެރި ގައުމުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުން ހިމާޔަތް ކުރުމުގެ ބިލް ނުވަތަ 'ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް [ޕާތް]' އެވެ.
އަދި މި ބިލްގައި ވަނީ އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީފިނަމަ އެމެރިކާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތައް ނުދިނުމަށް ގޮވާލާފައިއެވެ.
މީގެ އިތުރުން އިސްރާއީލުގެ ފަތުރުވެރިންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ނަަމަ އެމެރިކާއިން ރާއްޖެއަށް އެއްވެސް އެހީއެއް ދިނުން މަނާވާނެ ކަމަށްވެސް މި ބިލުގައި ހިމަނާފައިވާއިރު، އެ ބިލް ހުށަހަޅާ މެމްބަރު ވަނީ މިއީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި ދެކޮޅަށް އެޅުނު ފިޔަވަޅެއް ކަމަށް ބުނެފައިއެވެ.
މިފަދައިން އެމެރިކާގެ އެންމެ ގާތް އެންމެ އެކުވެރި ގައުމަށް ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އެ މެމްބަރު ވަނީ "އެކްސިއޯސި" ނޫހަށް މައުލޫމާތު ދީފައިކަން ފާހަގަކޮށްލެވެއެވެ.