ރަސްމާލެ ތަރައްޤީ ކުރުމަށް ވީ ވައުދު ފުރިހަމަ ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރެއްވި ގޮތާއި މެދު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމު ނާޒިލް ސުވާލު އުފައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ)ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިސްލާހް ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔ ފޮނުއްވާފައިވާ މައްސަލަ އަށް ބަހުސްކުރައްވަމުން ނާޒިލް ވަނީ ބިންވެރިޔަ ސްކީމުގެ ދަށުން ދޫކުރި ލޯން ތަކާ ގުޅުން ހުރި އެ ބިލު ތަސްދީގުނުކުރުމަކީ 40 އަހަރު ފަހުން ރައްޔިތުންނަށް ލިބުނު ކުޑަ ކުޑަ އުއްމީދެއް ނިގުޅައިގަތުމުގެ ގޮތުގައިވެސް ނާޒިލް ސިފަކުރެއްވިއެވެ.
މީގެ އިތުރުން ބަޖެޓުގައި ނުވެސް ހިމަނަނީސް ރައީސް މުއިއްޒު ރަސް މާލެ ޕްރޮޖެކްޓު ފައްޓަވާ އެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލު ކުރި ބަލަން ޖެހޭ މިންވަރަށް ނުބަލާ ކަމަށާއި މަސައްކަތް ހަވާލު ކުރި ކުންފުންޏަކީ އެކްސްކަވޭޓަރެއްވެސް އޮތް ކުންފުންޏެއް ނޫން ކަމަށް ނާޒިލް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން އެ މަޝްރޫޢޫ ކުރިއަށް ގެންދާނީ މާލެ ސަރަހައްދުން ބިން ދީގެން ކަމަށް ސަރުކާރުން ހާމަކޮށްގައިވާއިރު، 10 ހެކްޓަރުގެ ބިން ކޮންޓްރެކްޓަރާއި ހަވާލުކުރި ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ނާޒިލުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
3 އަހަރުގެ ތެރޭގައި އެ މަޝްރޫޢުއަށް ކަނޑައެޅީ 1.35 ބިލިއަން ރުފިޔާ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނަމަވެސް ހުޅުމާލެއިން 10 ހެކްޓަރގެ ބިމުގެ އަގަކީ އެންމެ ކުޑަކޮށް ބެލިއަސް 7.5 ބިލިއަން ރުފިޔާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންކަމުން އަގުގެ ގޮތުން ބަލާއިރު އެ މަޝްރޫޢުގެ އަގަށް ވުރެ ބިމުގެ އަގު މާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގެ އަގުގެ ގޮތުގައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި، އަގު އަދާކުރަނީ އެ ބިން ހިއްކަން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ދޫކޮށްލައިގެންނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިމެވެ. ނަމަވެސް ރަސްމާލެ ޕްރޖެކްޓު ފެއިލްވެ މިދިޔަ ހަފްތާގެ ތެރޭގައި ސަރުކަރުން ވަނީ އެ މަޝްރޫއުގެ އެއްބަސްވުން އުވާލާނެ ކަމަށް ބުނެފައެވެ.
ޑިސެމްބަރު 18، 2023 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވި އެވެ. ރައީސް އެފަދައިން ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި މި މަޝްރޫއުގެ ބޭނުމަށް ހިމެނި 400 މިލިއަން ރުފިޔާ މަޖިލީހުން އުނިކުރުމާ ގުޅިގެންނެވެ.