
އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އާއެކު ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބު ވެއްޖެ ކަމަށް ބޮޑު ވަޒީރު މޯދީ ވަނީ އިއުލާން ކުރެއްވުމުން އެމަނިކުފާނަށް މަރުޚަބާ ދަންނަވާފައެވެ.
އެގޮތުން އެ ޕޯސްޓުގައި އިތުރަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ތަރައްޤީއާ ހަމަޖެހުން ހޯދުމަށް ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، ވެރިކަމަށް އައުމުގެ ކުރިންވެސް އެމަނިކުފާނު ދައްކަވާފައިވަނީ އިންޑިޔާއަށް ބަރޯސާނުވެ އުޅެވޭނެ ގޮތްތަކެއް އެމަނިކުފާނަށް ވެރިކަން ލިބިއްޖާ ހޯދާނެކަމަށެވެ.
އަދި އޭގެފަހުން ވެރިކަން ލިބުނުފަހުން، އިންޑިޔާއިން ރާއްޖޭ ބޮއި ކޮޓް ކުރަން ގޮވާލަމުން ދިޔަ ދަނޑިވަޅުގައި ރައީސް މުއިއްޒު ވަނީ އިންޑިޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާ އިންޑިޔާ އާއެކު ތަރައްގީގެ އެއްވެސް ގުޅުމެއް ނުބާއްވާ، އިންޑިޔާ ނޫންގޮތެއް ހޯދުމަށްޓަކައި އެހެން ގައުމުތަކާއެކު އެ ގުޅުން ބަދަހި ކުރާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކާޑުގެ ބާވަތްތައް އިންޑިޔާއިން ގެނައުން ހުއްޓާލުމަށްޓަކައި ތުރުކީ އާއެކު އެފަދަ އެއްބަސްވުމެއް ހަދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެެވެ.
ނަމަވެސް މިހާރު ފެނިގެން ދަނީ އެމަނިކުފާނުގެ ބަހާ އަމަަލާ އެއްވެސް ވަރަކަށް ދިމާ ނުވާ މަންޒަރެވެ.
އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެގެން އެ ސިފައިން ފޮނުވާލުމަށް އެންމެ އަޑު ހަރުކޮށް ވާހަކަދެއްކެވި ބޭފުޅަކަށް ރައީސް މުއިއްޒު ވާއިރު ވެރިކަމަށް އައުމަށްފަހު މިކަމުގައި ވެސް ވަނީ ރައްޔިތުންނަށް އޮޅުވާލާފައެވެ. އެގޮތުން އިންޑިޔާއިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ޑޯނިއާ އަދި ހެލިކޮޕްޓަރު ދުއްވުމަށް އިންޑިޔާގެ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީން ގެނެސްފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މި މަދަނީންނަކީ އެ ގައުމުގެ ދިފާއީ ވުޒާރާގެ ބައެކެވެ.
އޭގެފަހުން ކުރީ ސަރުކާރުގައި އިންޑިއާއިން ނަގާފައިވާ ޓްރެޝަރީ ބޮންޑް ފަސްކޮށްދޭން އެދި މާލީ އެހީތެރިކަމަށް ވެސް ސަރުކާރުން ވަނީ އެދިފައެވެ.
އިންޑިއާ ނޫން ގޮތެއް ހޯދަން އައި ވެރިޔާ މިއަދު އިންޑިޔާ އާއެކު ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަމަށް މިހާ ފާޅުގައި ވިދާޅުވަމުން ގެންދާއިރު ގިނަ ބައެއްގެ ފާޑުކިޔުން މި ސަރުކާރަށް ދަނީ އަމާޒުކުރަމުންނެވެ.










