2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރެއަށް ޖެހިލަމާ ބަހީއެވެ.
އެއީ ރާއްޖޭގެ އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ. ކޮންމެ ކެންޑިޑޭޓަކުވެސް އުޅުނީ މެނިފެސްޓޯއަކާ ވައުދު ނާމާއެއް ހިފައިގެން ރައްޔިތުން ކައިރިއަށް ސަލާމް ޖަހަމުންނެވެ. ވެރިކަމުގެ އާދޭހަށް އެދިއެވެ. އެއާއެކު ކޮންމެ ކެންޑިޑޭޓަކުވެސް ބުނަމުން ދިޔައި ރައްޔިތުންގެ އަޑު ނުހަނު ގާތުން އަހާނެ ވާހަކައެވެ. ނަމަވެސް އޭރުވެސް ގިނަ ރައްޔިތުން ބުނަމުން ދިޔައެވެ. ތިޔައީ އިންތިހާބު ކާމިޔާބުވަންދެން ދައްކާ އަވާމެންދުރެއް ކަމަށާ އިންތިހާބު ކާމިޔާބުވުމާއެކު ރައްޔިތުން މަތިން ވެރިން ހަނދާން ނެތޭނެ ވާހަކައެވެ.
ރައްޔިތުންނޭ ބުނާއިރު މީގެ ތެރޭގައި އެތައް ވެރިކަމެއް ދެކެ ތަޖުރިބާ ކޮށްފައި ތިބި އިސް ރަށްވެހިންވެސް ތިބިއިރު ޔަގީނުން ވެސް އެއީ ނުހަނު ތަޖުރިބާ ހުންނާނެ ބޭފުޅުންކަން ޔަގީނެވެ.
ކަންކަން މި ބީދައިން ހިނގަމުން އައިސް ގައުމުގެ ވެރިކަން ދިވެހީންގެ ވޯޓުން ފުރޮޅާލާ މުޅި ގައުމު އަމާން އައްސޭރިއަކަށް ވާސިލްކުރީ ނުހަނު ފޮނި އުއްމީދާ އެކުއެވެ. 17 ނޮވެމްބަރު 2023 ދިވެހީންނަށް އަލި ވިލުނީ އުދަރެހުން ފުސް ވިލާތައް ކެހި މުސްތަގުބަލެއް ފެހި ފަހި ފިޔާތޮށީ ކުލަޔަކުން ދިވެހިންނަށް ދައްކަމުންނެވެ.
ނަމަވެސް އޭގެ މަހެއްހާ ވެސް ދުވަސް ނުވަނީސް އުދަރެހުގައި ފުސް ވިލާތަށް ގިނަ ވާން ފެށިއެވެ. އަހިވަކާ ޖެހި އަހިވައް ފާވާ ވާހަކަ އިހުއްސުރެ އަޑު އަހަމުއެވެ. ނަމަވެސް އޭގެ ފުރިހަމަ މިސާލެއް ދިރިއުޅުމުގައި ނުދެކެވެ. ނަމަވެސް ދިވެހީންގެ ރާއްޖޭގެ ހަނީ މޫން ޕީރިއަޑްގައި މިކަން ފެންނަން ފެށިއެވެ.
ހަ މީހަކު ނުކުމެ މަގުމަތީގައި ކުރި ބުރަ މަސައްކަތުން، ވެރިކަން ފުރޮޅާލަން ވެއްޖެކަން ރައްޔިތުންނަށް ގަބޫލުކުރެވި ވެރިކަން ބަދަލުކުރިއެވެ. ނަމަވެސް އެންމެ ބުރަ މަސައްކަތްކުރި މީހުންނަށް ފެނުނު ކައްކާ ބޮލީގެ އިއްޒަތް ދިނުމަށްފަހު ގާތްކުރީ އޭރު ހޮޅި އާ ދަނގަޑާ ލޯ ރަތްބެއަށް ދާންދެން ގޮވި މީހުންނެވެ. އެގޮތުން އެމްޑީޕީގެ އައްޑާއަކަށް މުޅި ސަރުކާރު ވެގެން ދިޔައެވެ. ބޭރު ތޮށިގަނޑުގައި ޕީއެންސީ ކުލައެވެ. އެތެރެ އޮތީ ގޮއް ރީނދޫ ކުލައިން ފުރިފައެވެ.
ކަންކަން މިހެން ހުރިއިރު، އެމްޑީޕީއަކީ ޒަމާނުއްސުރެވެސް ރައްޔިތުންގެ ފައިދާއަކަށް ވިސްނާ ބަޔަކަށް ނުވާއިރު ތަންތަނުގެ ވެރިންނަށް އެމްޑީޕީގެ ފަނާ ކުރަނިވި ފިކުރުގެ މީހުން އައްޔަންކުރުމުން ރައްޔިތުންނަށް ހަރާންކޯރުވުން ވީ އިތުރެވެ.
ކަރަންޓާ ފެނުގެ އެތައް މައްސަލައެއް ދިމާވެ މުޅި ގައުމުގައި އެ މައްސަލަތައް ފެންމަތިވިއެވެ. ކަރަންޓު ބިލު ބޮޑުވެގެން އެއް ބަޔަކު ޝަކުވަކުރާ އިރު އަނެއް ބަޔަކު އުޅެނީ ފެން ނުލިބި އަސާސީ ޚިދުމަތްތައް ކަށަވަރު ނުވެގެންނެވެ. މި ސަރުކާރުން ފޫޅު ކަނޑާލަނީ ކުރީ ސަރުކާރަށެވެ.
ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ތެރެއަށް އަތް ނުބާނެ ކަމަށް ބުނެ އައިސް ފެނުނީ ގޯއްޗާ ބެހޭ ބިލު ނަގާ ދޮރުން ބޭރަށް ކޮނޑުހުޅުން ވާގި ދޫވާވަރަށް ހޫރަލި މަންޒަރެވެ. ޑޮލަރުގެ އަގު ދަށަށް ދާނެ އޭ ބުނެ ކެނޑި ބައިސާ އޮތް ގޮތަށް އޮތީއެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަނީ މައްޗަށެވެ. ކޮންޓްރޯލު ކުރެވުނު އަތެއް ނެތެވެ.
ސްކޫލުތައް ހުޅުވި ކިޔަވަން ފެށިއިރުވެސް ޓީޗަރުންނާ ފޮތްތައް ވީ މައްކާގެ ރަށްބޭރުގައި ނޫން ކަމެއްވެސް ދެނަ ހުރި އަޅެއް ނެތެވެ.
މިކަންކަން މިހެން ހުރިއިރު ހިތް ހަމަ ނުޖެހިގެން އަޑު އުފުލަން ނުކުންނަ މީހުންގެ އަދަދު މަދުކަމުން ސަރުކާރުގެ ސޯ ކޯލްޑް އަނގަ ބޮޑު ވެރިން ބުނނީ އެއީ ހަކެނައިން ކަމަށެވެ. ތަންކޮޅެއް އަޑު ގަދަ މީހަކު ހުރިއްޔާ އެމީހަކު ގެންގޮސް މަގާމުދީ ގަނެލަނީއެވެ. އެހާ ހިސާބުން ވަޒީފާގެ އަޅަކަށް އެމީހަކުވެއެވެ. ވާނީވެސް އެހެންތާއެވެ. އަނގަޔާ އަތާ ދިމާވަނީ ކިރިޔާވިއްޔާއެވެ.
މިފަދަ ކަންކަމާ ނުކުންނަ މީހުން މަދުވުމުގެ މާނައަކީ އެކަންކަމާ ރައްޔިތުން ހިތް ހަމަ ޖެހިގެން ތިބުން ނޫން ކަންވެސް ހަ ކެނަ މަގުމައްޗަށް ނެރެގެން މުޒާހާރާ ކުރިއިރު ފިނި ކޮޓަރީގައި ތިބި ވެރިން ދަންނަން ޖެހޭނެއެވެ. އެހެނީ އޭރުވެސް ރައްޔިތުން ގޭގައި ތިބީ ރުހިގެން ނޫންކަން ދެއްކީ ވޯޓުން ކަމަށްވާތީއެވެ.
އެހެންކަމުން ވަޒީފާ ދީ ހައްލާލައިގެން ރައްޔިތުން ގަނެގެން ވަޒީފާގެ ޓޭޕާއެކު އަނގަ ބަންދު ތިޔަ ކުރަނީ ފަސް އަހަރު ވަންދެން ކަލޭމެން ދެން "ފިއްތާލައިގެން" ތިބޭށޭ ބުނާ އުސޫލުން ހެއްޔެވެ.
ސަރުކާރުން އެޅި ހާ ބަތަކަށް ރިހަވެފައި ދިވެހިން ފަސް އަހަރު ތިބެންވީއޭ ބުނާ ހެން ހާދަ އެބަ ހީވެއެވެ. ނަމަވެސް ތިޔަ ކައްކާ ރިހަ ގަނޑުގެ ފުލުގައި މިހާރުވެސް ހިފައިފިއެވެ. ވަސް ނުހަނު ގަދައަށް ގައުމުގެ އެކި ހިސާބުގައި ހިފާފައި އެބަހުއްޓެވެ.
ތިމަން މަނިކުފާނަކީ އެންމެންގެ ރައީސެކޭ ވިދާޅުވެ ބައިސާ ކަނޑުއްވާފައި ދެކޮޅަށް ބަހެއް ބުނާ ނޫސްވެރިއަކަސް ރައްޔިތަކަށް ވިޔަސް ދިމާކޮށްލަން މަނިކުފާނުގެ ސޯޝަލް މީޑިޔާ ގޭންގު ފޮނުވާލައްވަނީ އެއީ ދިވެހި ރައްޔިތުންނަށް ނުވެގެން ތޯއެވެ.
ތަސްވީރު ބަލަންވާނީ ތަސްވީރު ބުނާހެންނެވެ. ނިމިދިޔަ ފަސް އަހަރުން އިބްރަތް ހާސިލްކުރައްވާށެވެ. ގާއިމުވެސް މަނިކުފާނުވެސް ދެވަނަ ދައުރެއްގެ ހުވަފެން ދެކިވަޑައިގަންނަވަންޏާ ދާނީ އެއްކަލަ ރައްޔިތުން ގާތަށް ކަމުގައި ވާތީއެވެ.