ހއ. ހޯރަފުށީގައި ހިންގަމުންދިޔަ ހާފްވޭ ހައުސް އުވާލުމަށްފަހު އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިކަމާ ގުޅިގެން ނަން ހާމަ ނުކުރުމަށް އެދި އެތަނުގައި މީގެ ކުރިން މަސައކަތްކުރަމުން ދިޔަ މީހަކު ތޭރަ އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި އެތަން ބަންދުކުރީ އެ ތަނުގައި ފަރުވާއަށް ގޮސް ޚިދުމަތް ލިބިގަންނާނެ ކުދިން ނެތުމުން ކަމަށް ބުނެއެވެ. އަދި އެކަން ހާމަކޮށްފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހު މުވައްޒަފުންނަށް ފޮނުވި ސިޓީއަަކުންނެވެ.
ސިޓީގައި ބުނެފައިވަނީ ހޯރަފުށީގެ ހާފްވޭ ހައުސް އުވާލީ އެ ހިދުމަތް ދޭނެ ކުދިން ނެތުމުން ކަމަށާ މީގެ ކުރިން ހާފްވޭހައުސް ހިންގި އިމާރާތް ޖުވެނައިލް ރެޒިޑެންޝިއަލް ސެންޓަރަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެތަނުގެ މުވައްޒަފުން ވަކި ކުރަނީ ސިވިލް ސަރވިސް ކޮމިޝަންގެ ލަފާގެ މަތިން ކަމަށެވެ. އެހެންކަމުން ހާފްވޭ ހައުސްގެ ދާއިމީ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ސިވިލް ސަރވިސް ގަވާއިދު 2014 ގެ 223 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކަމަށް ވަނީ ބުނެފައެވެ.
ސީއެސްސީގެ ލަފަޔާއި އެކު މުވައްޒަފުން ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު އެއް އަހަރަށް ވުރެ މަދުނަމަ، އެއް މަސްދުވަހުގެ ނޯޓިސް އަކާއި އެކު ވަކިކުރުމަށް ވަނީ ނިންމާފައިވާ ކަމަށްވެސް އެސިޓީގައި ހާމަކޮށްފައިވެއެވެ.
ސިޓީގައި ސޮއިކުރައްވާފައި ވަނީ ހޯމް މިނިސްޓަރީގެ ޑިރެކްޓަރ ޖެނެރަލް (އެކްޓިން ޕާމަނަންޓު ސެކްރެޓަރީ) އަހުމަދު ޝަރީފް ނަފީސްއެވެ.
ފަރުވާ ދޭނެ ކުދިން ނެތް ކަމަށް ބުނެ ހޯރަފުށީ ހާފްވޭ ބަންދުކުރަން ނިންމާފައިވާ އިރު ރާއްޖޭގައި ދެން ހުންނާނީ އެންމެ ހާފްވޭ އެކެވެ. އެއީ ހުޅުމާލޭގައި ހުންނަ ހާފްވޭއެވެ. އެތަނުގައި ތޮިއް ޖެހިގެން ފަރުވާ ލިބިގަންނަން ޖެހުމުގެ ކަންބޮޑުވުން މީގެ ކުރިންވެސް ފަރުވާއަށް ދާ ކުދިންގެ އާއިލާތަކުން ފާޅުކޮށްފައިވެއެވެ.
ސިވިލް ސާވިސް މަގާމުތަކުގައި ތިބި ބަޔަކު ވަޒީފާއިން ކަނޑާލާފައިވާއިރު ރައީށް މުހައްމަދު މުއިއްޒު ރިޔާސީ އިްނތިހާބުގެ ތެރޭގައި އަދި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވިދާޅުވެފައިވަނީ ވަޒީފާގެ ބިރުވެރިކަނ ްނެތުނީ ކަމަށާ ދެން އެއްވެސްބަޔަކު ވަޒީފާއިން ނުކަނޑާނެ ކަމަށެވެ.
ނަމަވެސް އެމަނިކުފާނު ވެރިކަމަށް އައިސް އެތައް ބަޔަކު ވަޒީފާތަކުން ކަނޑާ ސިޔާސީ މަގާމުތައް އުފައްދާ ގާތް މީހުންނަށް ބަހަމުން ގެންދާކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.