އިސްރާއީލު ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ނިންމިކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިފިއެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ސަރުކާރަށް ރައްދުވަމުންދަނިކޮށް ފާއިތުވި ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް ނޫސްވެރިން އެއް ކުރުމަށްފަހު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ކެބިނެޓުގެ ލަފައާއި މަޝްވަރާގެ މަތިން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ހަމަ އެހެންމެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ތަންފީޒުކުރުމަށް، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރުމަށާއި އެ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވައިލައްވަން ނިންމަވާފައިވާ ކަމަށާއި، ލަސްތަކެއް ނުވެ އެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.
ނަމަވެސް ކެބިނެޓުގެ ނިންމުމާ ގުޅިގެން ފޮރިން މިނިސްޓްރީން ބޭރު ގައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތަކަށާއި ހައިކޮމިޝަންތަކަށް ފޮނުވާފައިވާ މައުލޫމަތު ނޯޓެއް "ތޭރަ އޮންލައިން"އަށްވަނީ ލިބިފައެވެ. އެ ނޯޓުގައި ބުނެފައިވާ ގޮތުން ސަރުކާރުން ނިންމާފައިވަނީ ދިވެހިރާއްޖެއިން އެކްޓިވް ޑިޕްލޮމެޓިކް ރިލޭޝަނެއް ނެތް ޤައުމުތަކުގެ ރައްޔިތުންނަށް ކުރިއާލައި ވިސާ ނުނަގައި ނުވަދެވޭ ގޮތް ހެދުމަށެވެ.
އެހެންކަމުން އެ ނިންމުމަކީ އިސްރާއީލު ރައްޔިތުންނަށް ރާއްޖެއަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުމެއް ނޫނެވެ.
ވިސާ ހޯދައިގެން ރާއްޖެއަށް އިސްރާއީލު މީހުން ވަނުން މަނާކުރަން ސަރުކާރުން ވިސްނާފައިނުވެއެވެ.
ފޮރިން މިނިސްޓްރީގެ ތަފާތު 3 މަސްދަރަކުން "ތޭރަ އޮންލައިން"އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ބޭރުގެ ހުރިހާ ގައުމުތަކަށް ހާއްސަކޮށް ޔޫރަޕުގެ ޤައުމުތަކަށްވެސް އިސްރާއީލު ރައްޔިތުންނަށް ވިސާ ހޯދައިގެން ރާއްޖެއަށް އެތެރެވުން މަނާކުރަން ނުވިސްނާކަން ސަރުކާރުން އަންގާފައިވެއެއެވެ.
އެހެންކަމުން އިސްރާއީލު ޕާސްޕޯޓު ބޭންކޮށްފިކަމަށް ބުނެ ސަރުކާރާއި، ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުންނާއި، ޕީއެންސީގެ ސަޕޯޓަރުން ދައްކަމުންދާ ވާހަކަތަކަކީ އޮޅުވައިލުމެކެވެ.
މިއީ މި ސަރުކާރުން ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވައިލި ފުރަތަމަ ފަހަރެއް ނޫނެވެ. ކުރިން އިންޑިއާ ސިފައިން ފޮނުވައިލުމުގެ ނަމުގައި ހިންގާފައިވަނީވެސް މިފަދަ އޮޅުވައިލުމެކެވެ. ރައީސް މުއިއްޒުގެ ސިޔާސަތަކަށް ވެފައިވަނީ ކޮންމެ ކަމެއްގައިވެސް އަސްލު އޮޅުވައިލާ މީޑިއާތައް ތަޅުއަޅުވައިގެން ހަގީގަތް ފޮރުވުމެވެ.