ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނާއި އަދި އިންޑިއާގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ލަދުގަންނަން ޖެހޭ މިންވަރަށް ބޮއްސުންލާފައި ކަމަށެވެ.
ޑރ މުއިއްޒު ވެރިކަމަށް އައިސްފައިވަނީ އިންޑިއާ އާއި ދެކޮޅު ބޮޑު ކެމްޕޭން އެއް ރައްޔިތުންނަށް ވިއްކުމަށްފަހު، އަދި ވެރިކަމާއި ހަވާލުވުމަށްފަހުވެސް މި ސަރުކާރުން ފެނިގެން ގޮސްފައިވަނީ އިންޑިއާ އާއި ދެކޮޅަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ.
ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ވެފައިވާ ރިޔާސީ ވައުދު ފުއްދުމަށް ވަގުތު ޖެހުނު ފެނިގެން ދިޔައީ އިންޑިއާ އާއި އެކުގައި އޮތް ގުޅުން ބަދަހިކުރަން ބޭނުންވެގެން މި ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ތަނެވެ.
ސަރުކާރުން މިފަދައިން ކަންތައްކުރަނީ ސަރުކާރަށް ގޮތް ހުސްވުމުން ކަމަށް ޝަރީފް ބުނެފައިވާއިރު މިއީ މި ސަރުކާރު ގެންނަން ވޯޓު ދިން ފަރާތްތަކުންވެސް ގަބޫލުކުރާނެ ހަގީގަތެކެވެ.
އިންޑިއާ އަށް ބަރޯސާނުވުމަށް އަބަދުވެސް ޑރ މުއިއްޒު ވިދާޅުވަމުން ގެންދިޔައިރު، އިންޑިޔާގެ ބޮޑު ވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ލިބިވަޑައިގެން އެ ގައުމަށް ވަނީ ދަތުރުކޮށްފައެވެ. އެހެންކަމުން މިއީ ވެރިކަމަށް އަންނަން އިންޑިއާ އައުޓް ނަމުގައި މުއިއްޒު ކުޅުއްވި ޑްރާމާއެއް ކަން ޔަގީނެވެ.