ދުރު ނޫން މާޒީއެކެވެ. 2023 ނޮވެމްބަރު 17 އެވެ. ހަވީރުގެ ފިނި ވަގުތުގައި ޖުމްހޫރީ މައިދާނުގައި ހިނގަމުން ދިޔައީ ތާރީޚީ އެއްވުމެކެވެ. އާދެ ދިވެހި ޖުމްހޫރިއްޔާ އަށް ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަޚުތަށް ރެދަލި ކުރައްވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތެވެ.
އެއްވެފައި ތިބި ރައްޔިތުންނާ މުޚާތަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒު ތަގްރީރުކުރެއްވިއެވެ. ނުހަނު ގިނަ ފޮނި އުއްމީދުތަކެއް ދެއްވިއެވެ. އެންމެ ބޮޑަށް ތަރުހީބުގެ އަތް ތިލަ ބަޑީ އިވިގެން ދިޔައީ އެމަނިކުފާނު ދިވެހިންގެ މިނިވަންކަމާ ސިޔާސަދު ރައްކާތެރިކޮށް ހިމާޔަތްކޮށްދެއްވާނެކަމަށް ވިދާޅުވި ވިދާޅުވި ވިދާޅުވުމާ އެކުއެވެ.
އާދެހޭވެ. މިނިވަންކަން އަތުން ބީވެގެން ދާން ފަށަފއި ތިބި ބަޔަކަށް އެއަށް ވުރެ ބޮޑު އުފަލެއް ނުލިބޭނެ އެހެންނޫންތޯއެވެ.
އެގޮތުން ރައީސް މުއިއްޒު އެދުވަހު ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް އިލްމުވެރިންނަކީ އެ ޤައުމުގެ ކުރިބޯށި ކަމަށާއި ކޮންމެ ދާއިރާއެއްގައި ވެސް ސިޔާސަތު ތަންފީޒު ކުރުމުގައި އެ ބޭފުޅުންނަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި އެހެން ގައުމުތައް އަންނާނީ އެއަށް ފަހު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ ލިސްޓުގެ އެއް ވަނައަށް. ފުރަތަމައަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ އޭގެ ފަހަތުގަ. އަޅުގަނޑު ޤައުމުތަކާ ގުޅުން ބާއްވާނަން. ހަތުރުންނަށް ނުވާނަން. ހަސަދަވެރިކަމެއް ނުބާއްވާނަން. އަވައްޓެރިންނާއި ދުރު ޤައުމުތަކަށް ވެސް އިޙްތިރާމް ކުރާނަން" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޤައުމުގެ ކަންކަން ނިންމާނީ ބޭރު ބަޔަކު ބޭނުންވާ ގޮތަކަށް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ އަމިއްލަވަންތަ ފަހުރުވެރި މިނިވަން ގައުމެއް. މި ގައުމުގެ ކަންކަން ދިވެހިން ނިންމާނީ، ބޭރު ބަޔަކު ބުނާހާ ގޮތަކަށް ކައިރީގައި ހުންނަ އެމްބަސީގެ އެމްބެސެޑަރު ވަޑައިގެން ވިދާޅުވާ ގޮތަށް އެކަންޏެއް ނޫން މި ގައުމުގެ ކަންކަން ހިނގަން ޖެހޭނީ. އެކަން މާޒީކޮށްފި ދިވެހި ރައްޔިތުން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށާއި ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއާ އެކު އަވައްޓެރި އިންޑިއާއިން ދިވެހިންނަށް ޖެއްސުންކޮށް ބަހުގެ ހަމަލާތައް ފޮނުވިއެވެ. ތާއަބަދު ދިވެހިން އަމަލުކުރަމުން އައި އުސޫލަކީ އަލަށް ހުވާ ކުރައްވާ ރައީސަކު އެންމެ ފުރަތަމަ ވަޑައިގަންނަވާ ގައުމަކީ އިންޑިއާކަމުގައި ވީނަމަވެސް އެކަން ރައީސް މުއިއްޒުގެ ސަރުކަރުން ނިމުމަކަށް ގެންނަވާ ތުރުކީއާ ޗައިނާއަށް ފުރަތަމަ ދަތުރުފުޅުކުރެއްވިއެވެ.
އެނބުރިވަޑައިގެން ނުހަނު ވަރުގަދަ ބަހުގެ ހަމަލާތަކެއް އިންޑިއާއަށް އަމާޒުކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާ ރައްޔިތުންގެ ހައްގުތަކާ ކުޅެން އުޅޭނަމަ ކަންކަމުގައި އިންޑީއާ ނޫން ގޮތެއް ހޯއްދަވާނެކަން ވެސް އިންޒާރުވެސް ދެއްވިއެވެ.
މިއާއެކު އިންޑިއާއިން، ކުރީ ސަރުކާރުން ނަގާފައި ހުރި ލޯނުތަކުގެ ދަންތުރައިގެ ބޭނުން ހިފަން ފެށިއެވެ. ދިވެހި ސަރުކާރަށް ފިއްތުންތައް ފިއްތަން ފެށިއެވެ. މަޑު މަޑޫން އަތްނުލާ އައްދޮ ކިޔުއްވުމުގެ ނުހަނު ފުރިހަމަ މިސާލެއް ފެނިގެން ދިޔައެވެ.
އެއާއެކު ރައީސް މުއިއްޒުއަށް ގޮތް ހުސްވި ކަހަލައެެވެ. އިންޑިއާގެ ފައިބުޑަށް ސަލާމުގެ ނާށިގަނޑު ހިފައިގެން ދައުލަތުގެ ވެރިން ވަރު ވަރުން ދަތުރު ފެށިއެވެ. ރޮއި އާދޭސްކޮށް ލޯނުތައް ހިލޭ އެހީއަށް ބަދަލުކޮށްދިނުމަށްވެސް އެދިއެވެ.
އެންމެ ހައިރާންކުރުވާ މަންޒަރަކަށް ފެނިގެން ދިޔައީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ހިންދޫ ބޮޑު ވަޒީރު ނަރެންދުރު މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ވެސް އެއްކަލަ ދިވެހިންނަށް ބުޅިކޮށްގެން ރުޅި ގަދަވެފައި ހުރިކަމަށް ދެއްކެވި ރައީސް ވަޑައިގެންނެވުމެވެ. މިހެން އަޑު ދެންނެވީމާ ފަހަރުގައި ބައެއް ބޭފުޅުން ވިދާޅުވެދާނެއެވެ. ޑިޕްލޮމެސީގެ ރީތި ނަމޫނާ ދެއްކެވީއެވެ. ރަގަޅު ވާހަކައެކެވެ. ނަމަވެސް ތިމަން މަނިކުފާނަށް އެންމެ މުހިއްމުވާނީ ދިވެހިންކަމަށް ވިދާޅުވި ރައީސަކު ދިވެހިންނަށް ބުލީކޮށް ދިވެހިންގެ ގައުމު ކުޑަވުމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ މީހަކު ހުވާކުރާ ރަސްމިއްޔާތަށް ދާން ހަމަ ކޮންމެހެން ވެސް މަޖްބޫރު ހެއްޔެވެ. ނޫނީ ވަގުތުގެ ބޭނުން ހިފާ ދިވެހިންގެ ރާއްޖެ ނީލަމަށް ލާން ވިސްނަނީ ނޫންބާއެވެ؟
ގައުމު އިސްކުރާ ވެރިން ސާކު ގައުމުތަކުގެ ތެރެއިން ފެނިގެން ހިނގައްޖެއެވެ. މޯދީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޕާކިސްތާނުން ބައިވެރިނުވެއެވެ. އެއީ ގައުމު ދެކެ ލޯބިވާ ވެރިންނެވެ. ހަމައެކަނި ދުލުން ބުނެލާ ބުނެލުމަށް ދަމާ ރަތް ރޮނގަކަށް އެމީހުންގެ ސިޔާދަތީކަންކަން ނުވާތީއެވެ.
މިއަދު މިފެނިގެން ދަނީ ދިވެހީންގެ ރައީސް ނުހަނު ފުޅާކޮށް ދެންމެމެވި ރަތް ރޮނގު ޖަމަލު ފޮނޑިއަކަށްވެ އިންޑިއާއިން އެޅިހާ ބަތަކަށް ރިހަވާން ފެށި މަންޒަރެވެ. ކުރިއެކޭ ވެސް އެއް ގޮތަށް އެމްބެސަޑަރެއްގެ ޖާދޫގައި ޖެހުނު މަންޒަރެވެ. ދުލުން ބުނެލާ ބަހުގެ އިތުބާރު ދިވެހީންގެ ރައީސަށް ނުހިފެހެއްޓުނު މަންޒަރެވެ.
އިންޑިއާ ސިފައިން ވެސް ނުބޭލި، އެގްރިމަންޓުތައްވެސް ހާމަނުކުރެވި، ފެނިގެން މިދިޔައީ އިންޑިއާ ކުރިމަތީ ދިވެހީންގެ ރައީސް ކުޑަކަކޫ މައްޗަށް ތިރިވި މަންޒަރެވެ. ދެމި ރަތް ރޮނގު އަޅުވެތިކަމުގެ ތެރެއަށް ފެވިގެން ގޮސް ފަނޑުވި މަންޒަރެވެ.
މިހާ ހިސާބުން ހަނދާނަށް އަންނަނީ، "ވައުދާ ހުވާކުރާނޭ އެހަނދާން ނެތޭނޭ، ނޫނީ އެހެން ގޮތެއްގައި މަޖްބޫރުވާނެއޭ، ދެގޮތެއް މަށެއް ނުވާނަމޭ ބުނެފާ ނުވޭހޭ" މި ބައިތުތަކެވެ.