އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ތަހުގީގުކުރަން ސަބް ކޮމިޓީއިން ނިންމާ ފައިވަނިކޮށް ބައްދަލުވުން ހުއްޓުވައިފިކަން ހަމަވެއްޖެއެވެ.
ތޭރަ އޮންލައިންއާ މައުލޫމާތު ހިއްސާކުރަމުން ޕީއެންސީގެ މަޖިލިސް މެމްބަރަކު ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ހިއްސާކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްކުރީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ. ސަބް ކޮމިޓީ ތަވަލްކޮށްފައި އޮތީ ހޯމަ ދުވަށެވެ.
ނަމަވެސް ހައްދު ފަހަނަ އަޅާފައިވާ ހަރުކަށި ހިންދޫ ނަރެންދްރަ މޯދީ ތިން ވަނަ ދައުރަކަށް ބޮޑު ވަޒީރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގެން ހުއްޓާ އެފަދަ ކަމެއް ކުރުމުން އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވި ބޭނުން ނުފުދިދާނެތީ ކަންބޮޑުވެ ވަޑައިގެން އެކަން ހުއްޓުވީ ކަމަށްވެސް އެ މެމްބަރު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
ބައްދަލުވުން ކެންސަލްކުރުވީ ސަބް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން ނޯޓިސް ވެސް ފޮނުވި ފަހުން ކަން ވެސް ވަނީ ހާމަވެފައެވެ.
އެގޮތުން އިންޑިއާއަށް ރައީސް މުއިއްޒު ވަޑައިގެންނެވި އެންމެ ބޮޑު އެއް ބޭނުމަކީ ކުރި ސަރުކާރުން ނަގާފައި ހުރި ލޯނުތައް އެހީއަށް ބަދަލުކޯށްދިނުމަށް ދެންނެވުމާ އަދި އިތުރު އެހީއަށް ވެސް އެދުންކަމަށް ވީއިރު އެކަންކަން އިންޑިއާ އިން ބޮލާލާ ޖަހާފާނެ ކަމުގެ ބިރު ރައީސް މުއިއްޒަށް އޮތުމުން އެއްބަސްވުންތައް ތަހުގީގުކުރުން ހުއްޓުވީ ކަމަށާ އެކަނ ްކުރެއްވީ ސީދާ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް އަންގަވައިގެން ކަމަށް ވެސް އެ މެމްބަރުން ވަނީ މައުލޫމާތު ދީފައެވެ.
ރައީސް ސޯލިހްގެ ސަރުކާރުން އިންޑިއާ އާ އެކު ހަދާފައިވާ 3 އެއްބަސްވުމަކާ ބެހޭ އިންކުއަރީ އެއް ހަދާ ސަބަބު ކަމަށް ބުނެފައިވަނީ އެ އެއްބަސްވުން ތަކުގެ ސަބަބުން ގައުމީ ސަލާމަތަށާއި މިނިވަން ކަމަށް ބުރޫ އަރާފާނެ ކަމަށް ބެލޭތީ ކަމަށެވެ.
ސަބް ކޮމިޓީން ތަހުގީގު ކުރާ އެއްބަސްވުން ތަކުގެ ތެރޭގައި ރައްޖޭގެ ކަނޑުގެ ސަރަހައްދުގެ ބިންގަނޑު އޮތް ގޮތް ދެނެގަތުމަށާއި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ޗާޓު ކުރެހުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން ހައިޑްރޮގްރަފީ ސާވޭ އެއް ހެދުމުގެ އެއްބަސްވުމާއި، އެމްއެންޑީއެފް ގެ ކޯސްޓް ގާޑަށް އުތުރު ތިލަފަޅުގައި ބަނދަރެއް ހަދާ ހިންގުމުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމުގެ އެއްބަސްވުން ހިމެނޭ ކަމަށް ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވެއެވެ.
ސިއްރު އެއްބަސްވުންތަކުގެ ތަހުގީގު ރައީސް މުއިއްޒު ހުއްޓުވިކަމަށްވާއިރު އެ އެއްބަސްވުންތައް ހާމަކޮށް އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް އޮތް ނަމެއް އެ އެއްބަސްވުމެއް ބާތިލްކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.