މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ޝިއުރީ އައްޔަންކުރުމާއެކު އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓާރ ބައްސާމް އާދަމްގެ މައްޗައް ތުހުމަތު ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާނެތޯ ނުވަތަ އެ މައްސަލަ ހިންދާލާނީތޯ ބުނެ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.
އެމްއެމްޕީއާރްސީގެ އައު އެމްޑީ އެއް ޕްރައިވައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން އައްޔަން ކުރީ އެ ކުންފުނީގެ ކުރީގެ އެމްޑީ ކަމުގައި ހުންނެވި ފާތިމަތު ތައުފީގް (ކުޑީ) އެ މަގާމުން ވަކި ކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
އެގޮތުން ކުޑީ އެ މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މައްޗައް ކޮރަޕްޝަންގެ ބޮޑު ތުހުމަތެެއް ކުރެވިގެންކަމަށް "ތޭރަ އޮންލައިން" އަށް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް ސަރުކާރުން ކުޑީ ވަކި ކުރި ސަބަބު އަދި ހާމަކޮށްދެއްވާފައި ނުވެއެވެ.
ކުޑީ މަގާމުން ވަކި ކުރުމުގެ އެއް ދުވަސް ކުރިން އެ ކުންފުނީގެ ޗެއާރް ޕާސަން ކަމުގެ މަގާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާހް ވަނީ އިސްތިއުފާ ދެއްވާފައެވެ. ނޫރްއައިންގެ އިސްތިއުފާ އާއި ކުޑީ މަގާމުން ވަކި ކުރުމާއި ވެސް ގުޅުމެއް އެބައޮތް ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.
ކުޑީ މަގާމުން ވަކި ކުރުމަށްފަހު އެ ކުންފުނީގެ ކަން ކަން ވަގުތީ ގޮތުން ބެލެހެއްޓުމަށް އެ ކުންފުނީގެ ޑީއެމްޑީ ބައްސާމް އާއި ޕީސީބީން ހަވާލުކޮށްފައިވަނީ 23 މެއި 2024 ގައެވެ.
ބައްސާމްގެ މައްޗައް ވަނީ އެ ކުންފުނީގެ އަންހެން މުވައްޒަފަކާ ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތެއް ކުރެވިފައެވެ. ސޯޝަލް މީޑީޔާގައި މިވާހަކަ ފެތުރުނު ހިސާބުން އެމްއެމްޕީއާރްސީ އިން ވެސް ވަނީ އެ ފަދަ މައްސަލަ އެއް ބަލަމުންދާކަމަށް ބުނެފައެވެ. ނަމަވެސް ބައްސާމްގެ މައްސަލަ އެއް ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.
މައްސަލަ ބަލަންފެށި ކަމަށް އޭރު އެމްއެމްޕީއާރްސީ އިން ބުނި ނަމަވެސް މައްސަލައިގެ އަދާހަމައެއް މިހާތަނަށް އައި އިރުވެސް އެ ކުންފުނިން ދީފައިނުވެއެވެ.
މައްސަލާގައި ކުންފުނީގެ މެނޭޖްމަންޓުން ފުރިހަމަ ތަހުގީގެއް ހިންގާފައި ނުވާތީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި ނޫރައިން އޭނާގެ އިސްތިއުފާގެ ސިޓީގައި ބަޔާންވެސް ކޮށްފައިވެއެވެ.
މިއަދާ ހަމައަށް ވެސް ޖިންސީ ފުރައްސާރައިގެ ތަހުގީގުގެ މަރުހަލާތަކާއި ތަހުގީގު ރިޕޯޓު ބޯޑް އޮފް ޑިރެކްޓަރުންނާ ހިއްސާކުރަން މެނޭޖުމަންޓުން ވަނީ ދެކޮޅު ހަދާފަކަމަށް ވެސް ނޫރައިން ވަނީ އެ ސިޓީގައި ވިދާޅުވެފައެެވެ.
ކަންކަން މިހެން ހުރިއިރު، ކުޑީ ވަނީ ބައްސާމްގެ މައްސަލަ ހިންދާލުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިކަމީ މީގައި އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.
ކުޑީ އެމްޑީކަމުގައި ހުންނަވާ މިފަދައިން ކަންތައް ކުރުމުން، ދެން ޝިއުރީ އޭނާގެ މޭސްތިރިކަމުގައި ކަންތައް ކުރައްވާނެ ގޮތާއިމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.