ބަނގުރާ ގެންގުޅުނު މީހަކު 108 ދުވަހަށް ގޭބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކޯޓުން ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ އީސްޓްލައިޓް، ނަބީހު ހުސައިންގެ މައްޗަށެވެ.
އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު، ހ. ބްލޫޑްރީމް ކައިރީގައި މަޑުކޮށްގެން ހުއްޓައި، މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކަކަށް އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ބަލައި ފާސްކުރި އިރު، އޭނާގެ ޖިންސާއި ސޯޓާާއި ދެމެދަށް ޖަހާފައިހުރި 500 އެމްއެލް ފުޅިއެއްގައި ބަނގުރާ ހުރި ކަމަށެވެ.
މި ދައުވާ އަށް ނަބީހު އިއުތިރާފްވުމުން، މި ދައުވާއަށް ކަނޑައެޅޭނެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.
އެހެންނަމަވެސް އޭނާ އަކީ އިތުރު އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހަކަށް ނުވާތީ އާއި ދައުވާ ކޮށްފައިވަނީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ އަދަބުން އެއް ދަރަޖަ އުނިކޮށްފައިވާ ކަމަށް ހުކުމުގައި ވަނީ ބަޔާންކޮށްފަައެވެ.
އެގޮތުން އޭނާގެ އަދަބު އެއް މަހާއި 24 ދުވަހަށް ވަނީ ކުޑަކޮށްދީފައެވެ.
އަދަބާމެދު ވާހަކަ ދެއްކުމަށް ފުރުސަތު ލިބުމުން ނަބީހު ވަނި ޖަލު އަދަބު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.
އެހެންކަމުން އޭނާ 108 ދުވަހަށް ގޭބަންދު ކުރުމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.