March 19, 2026
Advertisement
ފެން މީޓަރުގައި ތަޅު އަޅުވާފައި
ފެން މީޓަރުގައި ތަޅު އަޅުވާފައި / ސޯޝަލް މީޑިއާ

ބިލު ދައްކަމުންދަނިކޮށް މީޓަރުގައި ތަޅުއަޅުވައި ފެން ކަނޑާ މައްސަލަތަކެއް ބަލަނީ

Aishath Naja
އައިޝަތު ނަޖާ
Jun 16, 2024, 09:17 PM
މާލެ ސިޓީ

ބިލު ދައްކަމުންދަނިކޮށް ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް މެދުކަނޑާލަމުން އަންނަ މައްސަލަތަކެއް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

Advertisement

މިފަދައިން އެ ކޮމިޝަނުން ބުނެފައިވަނީ ނެރުނު ބަޔާނެއްގައި އެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން، އެ ކޮމިޝަނަށް ހުށަހަޅާފައިވާ އެކި މައްސަލަތަކަށް ބަލާއިރު ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ގަވާއިދުން ބިލު ދައްކަމުންދަނިކޮށް، ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅުއެޅުވުގެ މައްސަލަ އާއި ފެނުގެ ހިދުމަތްދޭ ކުންފުންޏަށް އެންގުމަކާނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް ކަނޑާލަމުން އަންނަ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ފެނުގެ ހިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން، އެ ގޭބިސީއެއްގައި ދިރިއުޅޭ އެންމެނަށް އެކަމުގެ އަސަރުކުރާނެތީ ކަންބޮޑުވާ ކަމަށެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނޫން ގޮތަކަށް އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފެން ކަނޑާލަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved