ދިވެހިރާއްޖޭގެ ސީ ޕޯޓް ބޭރު ކުންފުންޏަކަށް ވިއްކާލުމަށް ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ފެތުރުމާއި ގުޅިގެން ކާނަލް ރިޓަޔާޑް އަހްމަދު ފަޔާޒް (ޕާޕާ) ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ފަޔާޒްގެ ފޭސްބުކް އެކައުންޓްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ވާހަކަދައްކަވަމުން ބުނެފައިވަނީ އެމްޕީއެލް އަކީ ސައްތައިން ސައްތަ ފައިދާވާ ކުންފުންޏަކަށްވާއިރު މި ކުންފުނި ވިއްކާލަން ޖެހުނު ސަބަބު ސަރުކާރުން ހާމަކޮށްދޭން ޖެހޭ ކަމަށެވެ.
ސީ ޕޯޓް ވިއްކާލަން އެއްބަސްވެފައިވާ ކުންފުންޏާއިއެކު ހެދިފައިވާ އެމްއޯޔޫ ގައި މި އެެއްބަސްވުން ރަސްމީ ސިފައެއްގައި ކުރިއަށް ނުގެންގޮސްފިނަމަ 5 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވުމުން ދޭހަކޮށްދެނީ ސަރުކާރުން އިންތިޚާބާއި ދިމާކޮށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ފަޔާޒް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރއަށް އައްޔަނުކޮށްފައިވާ މުހައްމަދު ވަޖީހް އިބްރާހީމް އަކީ ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުގައި ހުކުމް ކޮށްފައިވާ ބޭފުޅެއް ކަމަށާއި އެފަދަ ފަރާތަކަށް އެމްޕީއެލް ހިންގުން ހަވާލުކުރުމަކީ ތަނަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ބުނެފައިވެއެވެ. އަދި ދިވެހިންނަށް ވަޒީފާތައް ޔަގީންކުރަން ޖެހުނު ހާލަތުގައި ބޭރު ކުންފުންޏަކަށް ޕޯޓް ވިއްކާލުމަކީ ސަރުކާރުން ހަދާ ބޮޑު ގޯހެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މި އެއްބަސްވުމަކީ އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި ފަޔާޒް ވަނީ ސިފަކުރައްވާފައެވެ. އަދި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ފައިނޭންޝިއަލް މައްސަލަތަކުގެ ތުހުމަތު އޮތް ބޭފުޅުންކަމަށާއި މިފަދަ ފަރާތްތަކާއި ގައުމު ހަވާލުކޮށްގެން ރާއްޖެ ދަތުރުކުރާނީ ވައްކަމާއި އެނޫންވެސް ނުރައްކާތެރި ކުށުގެ ހާއްޔަކަށް ކަމަށް ފަޔާޒު ބުނެފައިވެއެވެ.
މިއާއި އެކު އިންޓަނޭޝަނަލް ޔޯގާ ޑޭ ދިވެހިރާއްޖޭގެ އިންޑިއަން އެމްބަސީގައި ފާހަގަކުރުމާއި ބެހޭގޮތުންވެސް ފާޑުކިޔާފައިވެއެވެ. މިގޮތުން ޔޯގާ އޭރު ހަރާމްވެފައި މިހާރު ސަލަފުގެ ވެރިކަމެއް އައުމުން ހުއްދަވީތޯ ފަޔާޒު ވަނީ ސުވާލުއުފައްދާފައެވެ.
ދިވެހިން ނިކަމެތި ކުރުމަށް ސަރުކާރުން ހިންގަމުން އަންނަ އަމަލުތަކާއި ދެކޮޅަށް އެންމެންވެސް ވަކާލާތުކުރަންޖެހޭނެ ކަމަށް ފަޔާޒް ވަނީ ގޮވާލާފައެވެ.