

ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ފައިދާއެއް ދިވެހިންނަށް ނުކުރާކަމަށް ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ޕީއެންފް ފްރަންޓު އޮފީހުގައި ބޭއްވުނު ޖަލްސާގައި އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުއާއި ސުވާލުފުޅުކުރައްވަމުން ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ފަދަ މިނިވަން މުއައްސާތަކުން ފައިދާ ކުރަނީ ހަމައެކަނި ވަކި ވަކި ފަރުދުންނަށް ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ މިއަދު އެހެން ގައުމު ތަކުގައި ޕީޖީއާއި ޚިލާފަށް ރާއްޖޭގެ ޕީޖީ ފެންނަނީ ޒިންމާ އުފުލުމުގެ ބަދަލުގައި އެހެނިހެން މައްސަލަތަށް ވިތްޑްރޯ ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވ. އާރަށު މައްސަލައަށް ހަވާލާދެމުން އަންނަ މަންޒަރު ކަމަށެވެ.
ދުނިޔޭގެ ހުރިހާ ޕްރޮސެކިއުޓަރުންވެސް އެމީހަކަށް ކުރެވޭ ދައުވާގެ ޒިންމާ ނަގާ ކަމަށާއި ނަމަވެސް ރާއްޖޭގައި މި ޒިންމާާވެސް ނެގިގެން އަންނަތަން ނުފެންނަކަމަށް ޑރ. ޖަމީލު ވަނީ ފާހަގަކުރައްވާފައިއެވެ.
ޝަރީއަތްތަކާއި މިނިވަން މުއައްސަސާތަކުގެ ބޭނުމަކީ މީހުންނަށް ލިބޭ ހައްގެއް އެމީހަކަށް ވަކި މީހަކަށް ނުވި ނަމަވެސް ހޯދާދިނުން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ގާނޫނުގެ ބާރުތަކާއި މިނިވަން މުއައްސަސާތައް އެކުލަވާލިއިރު ބޭނުމަކަށްވީ މިނިވަންކޮށް ހިނގާ ޝަރީއަތްތަކަށް ހެދުންކަމަށާއި ޕީޖީ އޮފީސް އެކުލަވާލެވުނީ ސެލެކްޓިވް ދައުވާތައް ކުރުން ހުއްޓުމަކަށް ގެނައުމަށްކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
"ބޭނުމަކީ އެއްވެސް ހާލެއްގައި އޭރަކު އޮންނަ ސަރުކާރު ބޭނުންވާ ދައުވާތައް ކޮށްދިނުމެއް ނޫން، ބޭނުންވީމަ ބޭނުންވާ މީހަގެ ފަހަތުން ގޮސް ދައުވާކުރުން ނިމުމަކަށް ގެނައުން،"
ޑރ. ޖަމީލު ވިދާޅުވީ މިއަދު ރާއްޖޭގެ ޕީޖީގެ ފަރާތުން ފެނިގެން މިދަނީ ވ އާރަށުގެ މައްސަލައަށް ހާވާލާދީ އެހެން މައްސަލަތައް ވިތްޑްރޯކުރަމުން އަންނަ މަންޒަރުކަމަށެވެ.
އެހެން ނަމަވެސް ރައީސް ޔާމީންގެ މިހާރު ކުރިއަށްދާ މައްސަލާގައި ދެފަރާތަކުން ވިތްޑްރޯ ކުރުމުން ވެސް އެ މައްސަލަ ހުއްޓުމެއް ނައިސް ކުރިއަށް ދަމުންއަންނަކަންވެސް ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.
މި ކަމުން ހާމަަވަނީ މިއީ އިންސާފުވެރި ޕްރޮސެކިއުޝަންއެއް ނޫންކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.