ރާއްޖޭގައި ހަލުވި ކާމާއެކު ފެތުރެމުން އަންނަ އިންފުލުއެންޒާ ބަލީގައި އާދިއްތަ ދުވަހުގެ ރޭ ދިވެއްސަކު ނިޔާވެއްޖެއެވެ.
މައުލުމާތު ލިބޭ ގޮތުގައި ނިޔާވެފައިވަނީ ކ ކާށިދޫއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އަންހެނެކެވެ. އޭނާ އިންފުލުއެންޒާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ކަމަށް މައުލުމާތު ލިބެއެވެ.
އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން އޭނާއަށް ވެންޓިލޭޓަރުގައިވެސް އިތުރު ފަރުވާދީފައިވެއެވެ. އަދި އެ މީހާއަށް ފަރުވާދެމުންދަނިކޮށް އޭނާ ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިންފުލުއެންޒާއަކީ ނޭވާ ލާ ނިޒާމަށް ޖެހޭ ބައްޔަކަށް ވާއިރު މިހާރަކަށް އައިސް ރާއްޖޭއިން މި ބަލި ފެންނަ މިންވަރު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންނެވެ.
އެގޮތުން ފާއިތުވެދިޔާ 4 މަސް ތެރޭ އެކަނިވެސް ރާއްޖެއިން 154 މީހުން އެ ބައްޔަށް ޕޮސިޓިވް ވެފައިވާކަމަށް އެޗްޕީން މައުލޫމާތު ދީފައިވެއެވެ.
ޑިސެންބަރު 1 ވަނަ ދުވަހު މިބަލީގައި 51 އަހަރުގެ ފިރިހެނަކު ވަނީ ނިޔާވެފައެވެ. އަދި އިންފުލުއެންޒާގެ ޝިކާރައަކަށްވެ މި ހިނގާ ޖެނުއަރީ މަހު ޒުވާން ފިރިހެނަކުވެސް ވަނީ ނިޔާވެފައިވެއެވެ.
އިންފުލުއެންޒާ ބައްޏަށް ޕޮސިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ އެ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން އިންފްލުއެންޒާއިން ރައްކާތެރިވުމަށްޓަކައި ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން މުހިއްމުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައިވެއެވެ. މީގެ އިތުރުން މި ބައްޔަކީ ގައިން ގައަށް އަރާ ބައްޔަަކަށް ވުމުން މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނުދިއުމާއި އިންފްލުއެންޒާއަށް ވެކްސިން ޖެހުމަކީ ބަލިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައިވެއެވެ.
އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި އަރިދަފުހާއި ހުން އައުމުގެ އިތުރުން ގައިން ވަރުދެރަވެ ގައިގައި ރިއްސުން ހިމެނެއެވެ. އަދި ހަމައެހެންމެ އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ކެއްސުމާއި ގޭހުގެ މައްސަލަތައް ދިމާވުންވެސް ހިމެނެއެވެ. މިފަދަ އަލާމާތްތައް ފެންނަނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.
އެޗްޕީއޭއިން މައުލޫމާތުދިން ގޮތުގައި އިންފްލުއެންޒާ ފަދަ ބަލިތައް ރާއްޖޭގައި އެންމެ ބޮޑަށް އާންމުވެފައިވަނީ ސްކޫލް ބަންދު ދުވަސްތަކާއި ދިމާކޮށް ދަތުރުފަތުރުކުރުން ގިނަވުމުގެ ސަބަބުންނެވެ. އެހެންކަމުން އެ ބަލިން ރައްކާތެރިވުމަށް ވެކްސިންޖަހަން އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.