ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކޮށް އެނބުރި ރާއްޖެއަށް އައި ދިވެއްސެއްގެ ގައިން ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޑިޒީޒް ފެނި ދިވެއްސެއް އެ ބަލީގައި ނިޔާވެއްޖެއެވެ.
ހެލްތް މިނިސްޓްރީ އިން މިކަން ވަނީ މިހާރު ކަށަވަރުކޮށްދީފައެވެ. ދިވެހިރާއްޖެއިން މި ބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މައުލޫމާތު ހޯދިފައިވާ ގޮތުގައި މެނިންކޯކޮލް ބައްޔަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއް ފަހަރު ސިކުނޑީގެ އިންފެކްޝަން އުފެދޭ ކަމަށްވެސް ހޯދިފައިވެއެވެ.
މެނިންގޮކޯކޮލް ބަލި ޖެހުމުން ފެންނަ އަލާމާތްތައް:
ގަދައަށް ހުން އައުން
ވަރުދެރަވުން / ވަރުބަލިވުން
ހުޅުތަކުގައި އާއި ގައިގެ މަސްތަކުގައި ރިއްސުން
ބޮލުގައި ރިއްސުން
ގަދަ އައްޔަށް ބަލަން އުދަނގޫވުން
ބޭރަށް ހިންގުން
ވާނުވާ ނޭނގޭ ގޮތްވުން
ހޮޑުލެވުން
އަތްތިލައާއި ފެދައިތިލަ ފިނިވުން
މާ ބޮޑަށް ނިދި އަންނަ ގޮތްވުން
ރަތް ނުވަތަ ގަދަ ދަނބުކުލައިގެ ނޫފައިގަނެފައި ހުންނަ ގޮަތަށް ތަންތަން ހުރުން
ކަނދުރާ މައްޗަށް ބާރުވެފައި ހުރުން
މި ބަލި ޖެހޭ ފަރާތްތަކުގެ ތެރެއިން ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކޮށް ނޭވާލުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ބޮޑުވަރުވާކަމަށް މައުލޫމާތު ލިބެއެވެ. މި ބައްޔަކީ ބޮޑު ވަރުވުމުގެ ކުރިން ވެކްސިން ޖަހައިގެން ރައްކާތެރިވެވޭނެ ބައްޔެއްކަމަށްވެއެވެ.
މި ބަލި ޖެހިފައި ހުރި މީހެއްގެ ގައިން އެހެން މީހަކަށް ބަލި ޖެހެނީ ނޭވާލާ ނިޒާމާއި ކަރުތެރެއިން ނިކުންނަ ކުޅު ނުވަތަ ތެތް ކެއްސުމުގެ ސަބަބުންނެވެ. މިގެ އިތުރުން ބަލި ޖެހިފައި ހުރި މީހަކާއި ވަރަށް ގައިގޯޅިވެ ނުވަތަ ގިނަ ވަގުތު އެކުގައި އުޅުމުގެ ސަބަބުން މި ބެކްޓީރިއާ ހަށިގަނޑުގެ ތެރެއަށްނ ވާސިލުވެގެންނެވެ.
މި ބަލި ޖެހި ފަސޭހަވާ ފަރާތްތައް ދިގު މުއްދަތަކަށް މި ވޭނުގައި ތަހައްމަލު ކުރަންޖެހޭ ފަދަ ބައްޔެއް ކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން އަޑުއިވުމުން މަހުރޫމްވުމާއި، ފެނުމުގެ މައްސަަލަތަކާއި ފިޓް ޖެހުން ފަދަ އުމުރު ދުވަހަށް ދެމި ހުންނަ ފަދަ މައްސަަތައް މި ބަލި ޖެހޭ ފަރާތްތަކުން ތަހައްމަލު ކުރަންޖެހެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި ބަލިން ރައްކާތެރިވެ ތިބުމަކީ މުހިއްމު ކަމެކެވެ.