ހެލްތު ޕްރޮޓެކްޝަން އޭޖެންސީ / ސޯޝަލް މީޑިއާ
ހަބަރު
މެނިންގޯކޮކަލް ބަލިން ރައްކާތެރިވާން ބޭސް ދޭން ވަނީ ފަށާފައި: އެޗްޕީއޭ
Mariyam Isaadha
މަރިޔަމް އިސާދާ
26 ޖޫން 2024
މާލެ ސިޓީ

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ރާއްޖެ އިން ފެނުމުން، އެ ބަލިން ރައްކާތެރިވާން ބޭސް ދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ރޭ ހާމަކޮށްފައިވާ ގޮތުގައި މެނިންގޯކޮކަލް ބަލި ޖެހުނު މީހާއާ ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފައިވާ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިން ހަދާއިރު، "ކްލޯސް ކޮންޓެކްޓުން"ގެ ގޮތުގައި ބަލި މީހާ އާ އެއް ފެންފުޅިއަކުން ފެން ބޮއެ، އެކުގައި ކައިބޮއި އުޅެފައިވާ މީހުންނާއި ބަލި މީހާއާ ކުޑަވަގުތުކޮޅަކަށް ދިމާވެފައިވާ މީހުން އަދި ބަލި މީހާއާ ސީދާ ކޮންޓެކްޓްވެފައިވާ މީހުން "ކްލޯސް ކޮންޓެކްޓުން"ގެ ގޮތުގައި ނުބަލާ ކަމަށް އެ އެޖެންސީން ހާމަކޮށްފައިވެއެވެ.

ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ:

  • ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުން

  • ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން

  • ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުންނެވެ.

ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ފަހު، ރާއްޖެ އައި ފަހުން އެ ބަލި ޖެހުނު ކަން އެނގުނީ، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަށެވެ. އެ ބަލީގައި ހާލު ސީރިއަސްވެ، އިއްޔެ ހަވީރު އޭނާ ވަނީ ނިޔާވެފައެވެ.

މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަން (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.

އެއީ ނުރައްކާތެރި ދެ ބައްޔަކަށް ވިއަސް، ވެކްސިން ޖަހައިގެން އެކަމުން ރައްކާތެރިވެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ވެކްސިން ޖެހި ނަމަވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved