ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ ގެ މަގާމު ފުރަމުންގެންދިޔަ އަހުމަދު ޝަމާހް އެ މަގާމުން ވަކި ކުރިތާ މަހެއް ފަހުން އެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ ޕީސީބީން އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.
އެގޮތުން ޕީސީބީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު މިފްކޯއަށް ހޯދަން ބޭނުންވާ ކަމަށެވެ.
އަދި އެ މަގާމަށް މީހަކު ހޮވުމުގައި ގާބިލްކަމާއި ތަޖުރިބާއަށް ބަލާނެ ކަމަށާއި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަމަށެވެ.
ކުންފުންޏެއްގެ ސީއީއޯއަކަށް މީހަކު ހޯދަން ޕީސީބީއިން އިއުލާނުކޮށްފައި މިވަނީ ފުރަތަމަ ފަހަރަށް ކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން މަގާމުތަކަށް އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ނަންތަކެވެ.
މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕީސީބީން ބަލަމުން އައި މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ސީއީއޯ ސަމާހު ވަނީ ފުރަތަމަ ސަސްޕެންޑް ކޮށްފައެވެ.
އަދި އޭގެ އެއް މަސް ދުވަސް ފަހުން ސަމާހްގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން އޭޕްރިލް 24 ވަނަ ދުވަހު އޭނާ ވަނީ މަސައްކަތަށް ވެސް ނިކުމެވަޑައިގަންފައެވެ.
ސަމާހްގެ މައްޗައް ބައިވަރު ތުހުމަތުތަކެއް އޭރުގައި ވެސް ވަނީ ކުރެވިފައެވެ.
އެގޮތުން މުވައްޒަފުން ނެގުމުގައި އަމަލުކުރަމުން އައި ގޮތާއި ރަސްމީ ބޭނުންތަކުގައި ނޫން ގޮތަށް ސީއީއޯގެ އާއިލާ މީހުން އޮފީހަށް ގެނައުމާއި ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ނުބަލާ، ސީއީއޯ ރާއްޖެއިން ބޭރަށް ދިއުމާއި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރު ގެންދިއުން ފަދަ ތުހުމަތުތަކެވެ.
މި މައްސަލަތައް ބަލަމުން ގެންދިޔައީ ޕީސީބީއިންނެވެ.
އޭގެފަހުން ސަމާހު މަގާމުން ވަކިކޮށްފައިވަނީ މެއި މަހުގެ 21 ވަނަ ދުވަހުއެވެ.
The Privatization and Corporatization Board (PCB) is looking to recruit a talented and dedicated Chief Executive Officer (CEO) who shares a passion for sustainability and innovation in the fisheries sector.https://t.co/0Dd3XjNvy4#pcb #mifco pic.twitter.com/kZ5VyhODxd
— Privatization & Corporatization Board (@pcb_gov) June 26, 2024