މަސް ގަންނަ އަގު އަންނަ ހޯމަ ދުވަހުން ފެށިގެން ތިރިކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، ރައީސް އޮފީހުގެ އިކޮނޮމިކު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބުދަ ދުވަހު އެ ކޮމިޓީއަށް ވަޑައިގެންނެވުމުގެ ކުރިން، މަޖިލީހަށް ފޮނުއްވި ކަރުދާހަކާ ހަވާލާދީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ކޮމިޓީގައި ދެއްކެވި ވާހަކައިގައެވެ.
އެގޮތުން މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ ނާޒިމު ވިދާޅުވެފައިވަނީ ޖުލައި 24، އިން ފެށިގެން، މަސްގަންނަ އަގު މުރާޖައާ ކުރާނެ ވާނެ ވާހަކަ ކަރުދާހުގައި އެބައޮތް ކަމަށެވެ.
އެގޮތުން މިފްކޯގެ ވާހަކަ އެ ކަަރުދާހުގައި އޮތްކަން ފާހަގަކުރައްވާ ނާޒިމު ވިދާޅުވީ، މަސްގަންނަ އަގު ޖުލައި 24، އިން ފެށިގެން މުރާޖައާކުރާނެ ވާހަކަ އޮތް ނަމަވެސް މަޖިލީހުން ބޭނުންވަނީ އެކަންތައް ވެސް ހަމަ ސުންގަޑިއެއް ކަނޑައަޅުއްވައިގެން ކުރުމަށް ކަމަށެވެ. އޭރުން އޭގެން ލިބޭ ސޭވިންގްސްތައް ވެސް ހޯދެން ފެށޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިފްކޯއިން މިހާރު ކަނޑުމަސް ގަންނަނީ ކިލޯއަކަށް 20.ރ ގެ ރޭޓުންނެވެ.
މަސްގަންނަ އަގު ދަށްކުރަން ސަރުކާރުން ނިންމާފައި ވާއިރު، ކަނޑުމަސް ގަންނަ އަގު 20.ރ އަށް ވުރެ ދަށް ނުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މަސްވެރިން މިފްކޯއަށް ކިރި މަހަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 50 އަކަށް މިލިޔަން ރުފިޔާ ދޫނުކޮށް އޮތުމުން މިހާރުވެސް މަސްވެރިން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން އައްޑޫ މަސްވެރިން މުޒާހަރާ ކުރާތާ އެއް ހަފްތާވަނީ ވެފައެވެ.