"އަޅުގަނޑުމެން މައިގަނޑު އިގްތިޞާދީ ހާލަތު ހަމަޔަކަށް އަޅުވާނަން. ފައިސާ ޗާޕް ކުރުން ނިމުމަކަށް ގެނެސް، އަދި ދައްކަން ހުރި ލޯންތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފައި. މިހާރުވެސް އަޅުގަނޑުމެންނާ ގާތް ރަހުމަތްތެރި ބައެއް ދިމަ ދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި. މިހުރީ ބޮޑެތި ލޯންތައް ރީފައިނޭންސް ކުރެވޭނެ ގޮތްތައް. އެހެންވީމާ އަޅުގަނޑުމެންނަކަށް ކަންބޮޑުވުމެއް ނެތޭ، ހަމަ ހަގީގަތުގައިވެސް އަޅުގަނޑުމެންގެ އެއްްވެސް ކަންބޮޑުވުމެއް ނެތް ރާއްޖޭގެ މިއޮތް އިގްތިޞާދީ ސިޔާދަތު ހައްލުކުރުމަށް" މިއީ ހދ އަތޮޅުގެ ކުރިނބީ އަށް ވަޑައިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އައީ ވައުދުތަކަކާއި އަހުދުތަކެއް ވުމަށްފަހުގައި ކަމީ އެއްވެސް ދިވެހި ރައްޔިތަކު ދެބަސްވާނެ ކަމެެއް ނޫނެވެ. ނިމިދިޔަ ކުރީގެ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި، ސަރުކާރުގެ ކުންފުނިތަކަށް އެއްވެސް ވަރަކަށް ބަލާލުމެއްނެތި ވަޒީފާތަކަށް މީހުން ނެގި ކަމަށް ވިދާޅުވެ އެންމެ އަޑުހަރުކޮށް ވާހަކަވެސް ދެއްކެވީ ރައީސް މުއިއްޒެވެ.
ނަމަވެސް މިއަަދު ރައީސް މުއިއްޒެކޭ، ރައީސް ޞާލިހެކޭ އެއްވެސް ތަފާތެއް ނެތެވެ. އާދެ. ތަފާތެެއް ނެތޭ ވެސް ބުނެވޭކަން ނެތީއެވެ. ރައީސް ޞާލިހަށް ވުރެ ވެސް ރައީސް މުއިއްޒުގެ އަމަލުތަކާއި ބަސްފުޅާ ދިމާނުވެއެވެ. ރައީސް ޞާލިހުގެ ސިޔާސަތަށް ވުރެ ވެސް ރައީސް މުއިއްޒުގެ ސިޔާސަތު ދޯހަޅީއެވެ. އާދެ އަޅުގަނޑު ނެތިން މި ދެވެރިންގެ ދެމެދުގައި ހުންނެވި ތަފާތުތައް ހިއްސާކުރާކަަށް، ކުރަންވެއްޖާ ކިތަންމެހާ ވެސް ގިނަ ވާނެއެވެ.
ރައީސް ޞާލިހް އަށް ފާޑުވިދާޅުވެފައި ވެރިކަމަށް އައި ވެރިޔާގެ އަމަލުތަަކަށް އަލިއަޅުވާލާނަމެވެ. އެގޮތުން ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު އަޑުހަރުކޮށް ވިދާޅުވި "ތިމަންނާގެ ވެރިކަމުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރާނެ" ކަމަށް، ނަމަވެސް މިހާރު ސިޔާސީ މުވައްޒަފުންގެ އަދަދު 3000 މަތީގައި އުޅޭކަމެއް ވެސް މަނިކުފާނަށް އެނގިނުލައްވައެވެ. ސަރުކާރުގެ އެކި އެކި ވުޒާރާތަކުގަޔާއި ކުންފުނިތަކުގައި ތިބީ ކިތައް ސިޔާސީ މުވައްޒަފުންކަން ވެރިކަމަށް 7 މަސްވެގެން ދިޔަ އިރު ވެސް ހާމައެއް ނުކޮށްދެވުނެވެ. މިއީ ރައްޔިތުންނަށް އޮޅުވާނުލާނެކަމަށް ބުނެ ވައުދުވެ އައި ވެރިޔާއެވެ.
އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށާއި ހުރިހާކަމެއް ވެސް ރައްޔިތުންނާ ހަމަޔަށް ތިލަ ކޮށްދެއްވާނެ ކަމަށް ހުވާ ކުރެއްވުމަށްފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ދެެއްްވި އެންމެ ފުރަތަމަ ތަގްރީރުގައި ވެސް ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބް ބޯމަތިވުމުން ސަރުކާރަށް ސުޕާރ މެޖޯރިޓީ ހޯދުމަށްޓަކައި ވެސް ވަޒީފަތައް ބަހާލީ ތަނބަކަށްލައިފައި އޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ވުޒާރާއަކަށް 10-12 ވަރަކަށް ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. ކުންފުނިތަކަށް ޕްރޮޖެކްޓް ނިންމަން ބަހަނާ ދައްކާފައި ނެގިހާ މީހުންނެވެ. ވާހަކަތައް މިހެން ދައްކަން މި ޖެހެނީ ކަންވެފައި ހުރި ގޮތް ވަރަށް ވެސް ސާފުކޮށް ފެނިފައި ހުރީމައެވެ.
ރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތީ އަނދަވަޅެއްގައި ކަމަށް ވިދާޅުވެ މި ހާލަތު ބަދަލުކޮށްލަން އައި ވެރިޔާގެ ސަރުކާރުން މާ ޚަރަދު ބޮޑެވެ. ބޭރު ގައުމުތަކަށް ކޮށްލާ ދަތުރުތަކުގައި މިލިއަނުން ބިލިއަނުން ހަރަދުކޮށްލައެވެ. ދަތުރުކުރައްވާއިރު ރައީސް އާއެކު އަރިހުގައި އެއް ބޭފުޅަކު ދެ ބޭފުޅަކު ދަތުރު ކުރާނަމަވެސް މިހާ ހަރަދުތައް ބޮޑެެއް ނުވާނެކަން ޔަގީނެވެ. ނަމަވެސް ދާ އިރު މި ދަނީ ޕިކްނިކް ދާ އުސޫލުން ބޮޑު ގްރޫޕެކެވެ. ކަންކަން މިގޮތައް ކުރީމަ ހަރަދު ބޮޑުވާނެ ކަމަށް ހަމަ ސަރުކާރަށް ނޭނގުނީބާއެވެ.
މާލީ ހާލަތު ގޯސް ކަމަށް ވިދާޅުވެ އެންމެ އާދާއިގެ ނިކަމެތި މަސްވެރިޔާއަށް އޭނާ ކުރި ބުރަ މަސައްކަތުގެ އުޖޫރަ ނުދެވެއެވެ. ނަމަވެސް ގޭގައި ދެފައި ދަމައިގެން އެއްވެސް މަސައްކަތެއް ނުކޮށް ސަސްޕެންޝަންގައި ތިބޭ 3 ނައިބު ވަޒީރުންނަށް ބަރާބަރަށް މުސާރަ ދެވެއެވެ. މިއީ އިންސާފުތޯ؟ މި ބޭފުޅުންނަށް މުސާރަ ދޭންވީމާ ކީއްވެތޯ މާލީ ހާލަތު ގޯހޭ ވިދާޅުނުވަނީ؟ މިއީ ރައީސް މުއިއްޒާ މަސްވެރިން މިއަދު ކުރަމުން އަންނަ ސުވާލުތަކެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މާލީ ވަޒީރު ހާޒިރުކޮށް ސަރުކާރުގެ ހަރަދުތައް ހުރި ގޮތުގެ ވާހަކަތައް ދެއްކުމުން ކުއްލިއަކަށް ސާދަ ވިލޭރޭ ހަނދެއް ފަދައިން ރައީސް މުއިއްޒު ދިއްލިއްޖެއެވެ. އެކްސްގައި ޕޯސްޓެއް ކުރައްވާ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހުގެ މުނާސަބަތުގައި އެއްވެސް ކަމެއް ހަރަދުކޮށްގެން ނުކުރައްވާނެ ކަމަށާއި ސިޔާސި ވަޒީފާތަކުގެ އަދަދު މަދު ކުރައްވާނެ ކަމަށް ވެސް ވަނީ އެ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ. އަދި ތޯ މަނިކުފާނަށް އެނގިލެއްވީ ފިޔަވަޅުތައް އަޅުއްވަން؟ އަދި އަވަހެއް ނޫންތޯ؟
ރައީސް މުއިއްޒެވެ. މަނިކުފާނުގެ ވެރިކަމަށް 7 މަސް ދުވަސް ވެގެންދިޔަ އިރުވެސް އެކި ދިމަ ދިމާލުން މީހުންތައް ގޮވަމުންދިޔައީ މި ވާހަކައެވެ. ސަރުކާރުގެ ހަރަދުތައް އިންތިހާޔަށް ބޮޑުވާހަކައެވެ. ނަމަވެސް މަނިކުފާނު ދެއްވީ ބީރު ކަންފަތެވެ. ހަރަދު ބޮޑު ސަރުކާރެއްކަން މަނިކުފާނަށް ރެޔަކާލީ 7 މަސްފަހުން ދެއްތޯ؟