ރައްޔިތުންގެ މަޖިލީހުގައި ނިލަންދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ހުވާކުރެއްވުމަށް ފަހު ދާއިރާއަށް ކުރެއްވި ފުރަތަމަ ދަތުރުގައި މަރުހަބާ ކިޔުމަށް ނުކުތީ އެންމެ ތިން މީހުންކަމަށް މައުލޫމާތު ލިބިއްޖެއެވެ.
20 ވަނަ މަޖިލީހުގެ ރަން ގޮނޑީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ގޮނޑިކަމަށްވާ ނިލަންދޫ ދާއިރާގެ ގޮނޑިއަށް ރައީސް މުއިއްޒުގެ ކޮއްކޯފުޅު ހޮވުމަށް މަގާމާ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގިނަ ބަޔަކު ބުނަމުން ދެއެވެ.
އެގޮތުން ސަރުކާރުން ވަނި އެ ދާއިރާއަށް ނިސްބަތްވާ ހެލްތު މިނިސްޓަރު އަބދުﷲ ޚަލީލާ ޖެންޑަރ މިނސިްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ ދާއިރާގައި ބަނޑަހަ ޖަހާފައި ބޭތިއްބުމަށްފަހު ޖެންޑަރ މިނިސްޓްރީގެ ސިޔާސީ ގިނަ އަންހެނުން ވެސް އެ ދާއިރާއަށް ފޮނުވާފައެވެ.
މީގެ އިތުރުން ސައުދާއަށް ގޮނޑި ހޯދައިދިނުމަށް އެ އަތޮޅުގެ އެހެން ރަށް ރަށުގައި އާ އަދި ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުގައި ހިނގަމުންދިޔަ އެކި އެކި ބޮޑެތި ޕްރޮޖެކުޓުތައްވެސް ނިލަންދޫއަށް ބަދަލުކޮށްފައިވެއެވެ. އޭގެ ތެރޭގައި މަގޫދޫގައި އަޅަމުން ދިޔަ އެއަޕޮޓުގެ ޕްރޮޖެކުޓާ އަދި އެހެން ސަރަހައްދެއްގައި އަޅަމުން ދިޔަ މަސް ފެކްޓަރީއެއްވެސް ރައީސް މުއިއްޒު ވަނީ ނުފޫޒުގެ ބޭނުންކުރައްވައިގެން ނިލަންދޫއަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން މިނިސްޓަރު ޚަލީލު ވަނީ އެ ރަށުގެ ބައެއް ސަރުކާރު މުވައްޒަފުންނަށް ސައުދާއަށް ވޯޓު ދިނުމަށް މަޖްބޫރުކޮށް ވަޒީފާގެ ބިރު ދައްކާ އިންޒާރު ދީފައިކަމަށްވެސް މައުލޫމާތު އޭރު ލިބިފައިވެއެވެ.
މިހުރިހާ ނުފޫޒާ އެކު ސައުދާއަށް ގޮނޑި ލިބުމުން ހުވާކުރައްވާ ދާއިރާގެ ރަށްތަކުގެ ތެރެއިން ފުރަތަމަ ވަޑައިގެންނެވީ، ދަރަނބޫދޫއަށެވެ. އެރަށަށް ސައުދާ ވަޑައިގެންނެވުމުން ކިޔާފައިވަނި ވަރަށް ވެސް ފިނި މަރުހަބާއެެކެވެ. އެގޮތުން އިއްޒަތްތެރި މެމްބަރު ސައުދާއަށް މަރުހަބާ ދަންނަވަން ދަރަނބޫދޫއިން ނުކުތީ އެންމެ ތިން މީހުންނެވެ.
ސައުދާ ދަރަނބޫދޫ އަށް ވަޑައިގަތީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.