

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން އަދިވެސް ދިވެހިން ބޭނުންނުވާކަމަށާ އެކަން ތަސްބީހަ އެއް ފަދައިން ކިޔާ އަޑު އިއްވަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގައި ކަނު ލޮލެއް ނުދެވޭ ކަންކަން އެބަހުރި ކަމަށާ އެގޮތުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމާ އިންޑިއާ ސިފައިން މިގައުމުން ބޭލުން ފަދަ މުހިއްމު ކަންކަން އެބަހުރި ކަމަށެވެ.
އެގޮތުން އެމަނިކުފާނުވަނީ އިންޑިއާ ސިފައިން މިގައުމުގައި ތިބުމަށް ދިވެހިން ނޭދޭކަން އަޑު ހަރުކޮށް ގައުމުގެ ވެރިންނަސް އިއްވަން ޖެހޭކަމަށް ވިދާޅުވެފައެވެ.
އެހެންވީމަ އަޅުގަނޑުމެން ހަނދާނުން ކައްސާލާތޯ ތަފާތު އެކި ވާހަކަ ދެއްކެވި ނަމަވެސް އަޅުގަނޑުމެން އަބަދުވެސް ހަނދާން ހުންނަންވާނެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބިން އަނބުރާ ހޯދަން އެބަ ޖެހޭ. ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން އެބަ ޖެހޭ. އިންޑިއާ ސިފައިންނަކަށް އަދިވެސް ރާއްޖެއަކު ޖާގައެއް ނެތް. އެކަން އަޅުގަނޑުމެން ކަށަވަރުކުރަން ޖެހޭ. އެއީ ހަމަ ަތސްބީހައެއް ކިޔާހެން އަޅުގަނޑުމެން ކިޔަން ޖެހޭ އެއްޗެއް. އެހެންވީމަ ވެރިކަމުގަ ތިއްބެވި ބޭފުޅުން! މިއީ ރައްޔަތުންގެ ޝުޢޫރު މިއީ ރައްޔިތުންގެ ވިންދު. މިއަށް އާއެކޭ ވިދާޅުވާން ޖެހޭނެ. މިކަންކަން ކުރެވޭތޯ މަސައްކަތްކުރަން ޖެހޭނެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިންޑިއާ ފައިބުޑަށް ސަލާމުގެ ނާށިގަނޑު ހިފައިގެން ދިވެހި ލޭ ހިނގާ މަންމައަކާ ބައްޕައެއްގެ ދަރިއަކު ދާން ޖެހޭ ކަމަށް، އެމަނިކުފާނަށް ލިބިވަޑައިގެން ހުންނެވި ތަރުބިއްޔަތުގެ ސަބަބުން އެމަނިކުފާނު ޟަމީރުވެސް ގަބޫލުނުކުރާ ކަމަށެވެ.
އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ރައީސް ޔާމީން ދައްކަވާފައިވާއިރު މި ސަރުކާރުން ވަނީ ޔުނިފޯމު އެޅި އިންޑިއާ ސިފައިން ފޮނުވާލުމަށް ސިވިލް މީހުންގެ ނަމުގައި އިންޑިއާގެ މިލިޓަރީގެ ތެރެއިން ހިންގާ ހިންދުސްތާނު ދައުލަތުގެ ވައިގެ އުޅަދު ފަހަރާއި ސަލާމަތީ އުޅަދު ފަހަރު އުފައްދާ ހިންގާ ބަލަހައްޓާ ކުންފުނީގެ މީހުން ގެނެސްފައެވެ.